ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ޖަލްސާއެއްގެ އެޖެންޑާ ޖަލްސާގެ ރިޔާސަތުން މަޖިލިސް ރައީސް އިއުލާން ކުރައްވާއިރު، ފަސް ވަނަ ނަމްބަރުގައި އަބަދުވެސް އޮންނާނީ، "ރިޔާސަތުން އަންގާ އެންގުން" ހިމަނައިފައެވެ.
އެއީ އެއްވެސް ކަމަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭނުންފުޅުވާ އެންގުމެއް އެންގެވުމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަން ކުރެއްވުމުގެ އިތުރުން، އެއްވެސް ކަމަކާ ބެހޭ ގޮތުން މަޖިލިސް ރައީސް އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނަމަ އެކަމެއް ކުރެއްވުމަށް އޮންނަ ނަންބަރެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައިވެސް، މަޖިލިސް އެޖެންޑާގައި ޒަމާނުއްސުރެ އޮންނަ އެ ނަމްބަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިއްޕަވާ ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށްފަހު، މަޖިލިސް އެޖެންޑާގެ ފަސްވަނަ ނަންބަރު ބޭނުން ކުރައްވައިގެން، ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ މެންބަރުންގެ އިތުރުން ރާއްޖޭގައި ހިނގާ މުހިއްމު ކަންތައްތަކާ ބެހޭގޮތުން މަޖިލިސް ރައީސް އާއްމުގޮތެއްގައި ގެންދަވަނީ ބަސް ވިދާޅުވަމުންނެވެ.
ނަމަވެސް ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު އިންތިހާބު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މިދިޔަ ހޮނިހިރު ދުވަހު ބާއްވާފައިވާއިރު، އެ އިންތިހާބަށްފަހު މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ފައްޓަވައިގެން މަޖިލިސް ރައީސް ކުރިއަށް ގެންދެވީ އެ އިންތިހާބާ ބެހޭގޮތުން އެއްވެސް ބަސްފުޅެއް ވިދާޅު ނުވެއެވެ.
މިއީ ރޯދަމަސް ކަމަށްވާތީ ރޯދަމަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ހަމަޖެހިފައި އޮންނަ އުސޫލުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށީ 10:30 ގަ އެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގެ ފުރަތަމަ ކަމަކަށް އޮތީ، އެއްގަމު ދަތުރު ފަތުރު ކުރުމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހެއްގެ ގޮތުގައި، ރޯޑް ސޭފްޓީ ކައުންސިލުން ޓްރާންސްޕޯޓް އޮތޯރިޓީ އުނިކުރަން މަޖިލިސް ތަޅުމުގައި ބަހުސް ކުރުމެވެ.
ޖަލްސާގައި އެބިލުގެ ބަހުސްގައި ހަތަރު މެންބަރުން ވާހަކަ ދެއްކެވުމަށްފަހު ބިލުގެ ބަހުސް ނިމި، މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ ބަހުސް ފަށައި، އެބިލުގެ ބަހުސްގައި ހަ މެންބަރުން ވާހަކަ ދެއްކެވި އިރުވެސް ކައުންސިލް އިންތިހާބާ ބެހޭ ގޮތުން މަޖިލިސް ރައީސް ބަސްފުޅެއް ވިދާޅެއް ނުވިއެވެ.
އެންމެ ފަހުން އެބިލުގެ ބަހުސްގައި ހަތް ވަނަ މެންބަރުގެ ގޮތުގައި ވާހަކަ ދައްކަވަން ފެއްޓެވި، އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވާހަކަ ފެއްޓެވުމުގެ ކުރިން، ކައުންސިލް އިންތިހާބާ ބެހޭގޮތުން އެއްވެސް ވިދާޅުވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ހަނދުމަފުޅުކޮށްދެއްވިއެވެ.
އެވާހަކަ ފައްޓަވަމުން ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމުގައި، ވަރަށް ބޮޑަށް ވަކާލާތުކުރާ މުއައްސަސާއެއް ކަމަށާއި، އެކަމަށް މަޖިލީހުން ގާނޫނު ތަކެއްވެސް ހަދާފައިވާ ކަމަށެވެ.
ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ކައުންސިލް އިންތިހާބު ބާއްވާފައިވާއިރު އެކަމާ ބެހޭ ގޮތުން މަޖިލިސް ރައީސް މަޖިލިސް ތަޅުމުގައި އެއްޗެއް ވިދާޅު ނުވީ، ހަނދުމަފުޅު ނެތިގެން ކަމަށް ދެކިވަޑައިގަންނަވާތީ އެކަމަށް ބަސްފުޅެއް ވިދާޅުވުމަށް މަޖިލިސް ރައީސަށް ހަނދުމަފުޅުކޮށް އަރުވާކަަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފުގެ ވާހައާ ގުޅިގެން މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ، އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާހިތުން އިންނެވި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އުފެދުނީއްސުރެ އެމްޑީޕީން ކައުންސިލް އިންތިހާބުގައި ވާދަކުރަމުން އަންނަ ކަމަށާއި، އެ އިންތިހާބުގައި ކުރީފަހަރަށް ވުރެ މާބޮޑު އިތުރު ކާމިޔާބުތަކެއް ކޮންމެ ފަހަރަކު އެމްޑީޕީން ހޯދާ ކަމަށެވެ.
ނަމަވެސް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބު ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، އެއް ޕާޓީއެއް އެހާބޮޑަށް ކޮންމެ ފަހަރަކު މޮޅުވެގެން ދިއުމަކީ މަޖިލިސް ރައީސްގެ ގޮތުގައި ފާހަގަކުރަން ރަނގަޅު ކަމެއްތޯ ސުވާލު އުފެދޭ ކަމަށެއެވެ.
"ތި މައުލޫއާ ގުޅޭގޮތުން އެއްޗެއް ދަންނަވާ ހިތުން މިހާރު ފުރުސަތެއް ލިބުނީތީ ވެ އަޅުގަނޑު ދަންނަވައިލީ، އެއް ޕާޓީއެއް އެހާ ބޮޑަށް މޮޅުވެގެން ދާދިއުން އެއީ މަޖިލިސް ރައީސްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރަން ރަނގަޅު ކަމެއް ބާވައޭ ހިތަށް އަރަނީ، އެނގިވަޑައިގަންނަވާނެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ލޯކަލް ކައުންސިލް އިންތިހާބު ތަކުގައި ވާދަ ކުރަމުން މި ގެންދަނީ އެ ނިޒާމު ފެށުނީއްސުރެ ކޮންމެ އިންތިހާބެއްގައި، ކުރީ އިންތިހާބަށްވުރެ މާ ބޮޑު ކާމިޔާބެއް އިތުރަށް އެޕާޓީ ދަނީ ހޯދަމުން،"
މަޖިލިސް ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީޕީއެމުންވެސް ކާމިޔާބު ހޯދާ ކަމަށާއި، ހާއްސަކޮށް މާލޭގެ މޭޔަރު ކަމުގެ ގޮނޑި ޕީޕީއެމުން ހާސިލް ކުރުމަކީ މަރުހަބާ ވިދާޅުވާ ކަމެއް ކަމަށެވެ.
އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ތަބީއަތް ހުރި ގޮތުގެ މިސްރާބަށް މި އިންތިހާބުން މާބޮޑު ތަފާތެއް އައިސްފައި ނުވާ ކަމަށާއި، މިސްރާބު ހުރީ ރަށްވެހި ފަތިހަކަށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"މާލޭގެ މޭޔަރު ކަމުގެ ގޮނޑި ޕީޕީއެމުން ވަނީ ކާމިޔާބު ކޮށްފަ، އެއީ އަޅުގަނޑުވެސް މަރުހަބާކިޔާކަމެއް، އެހެންނަމަވެސް މި އިންތިހާބުގައި މާބޮޑު ތަފާތެއް އައިކަމަކަށް ގަބޫލެއް ނުކުރެވޭ، ރާއްޖޭގެ ސިޔާސީ ތަބީއަތް ހުރިގޮތަށް މިސްރާބު ޖަހާފައި އެބަހުރި އޭގެ މަންޒިލަށް، އެއީ ލަފާ ކުރެވެނީ ރަށްވެހި ފަތިހަކަށް ކަމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، އެމްޑީޕީން ގިނަ ގޮނޑިތަކެއް ކާމިޔާބު ކޮށްފައިވާއިރު، އެންމެ މުހިއްމު ދާއިރާ ކަމަށްވާ މާލޭ ސިޓީގެ މޭޔަރު ކަމާއި މާލޭސިޓީކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ވަނީ ގެއްލިފައެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް