މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ތޮއްޖެހިގެން ވޯޓުލާން ދާން މަޑުނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.

އެޗްއާރްސީއެމުން އެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރު އާމިނަތު ޝިފާތު އަބްދުލްރައްޒާގު ވިދާޅުވީ ގިނަ މަރުކަޒުތަކުގައި ވޯޓުލުން ފެށުމަށް ހަމަޖެހިފައިވާ ގަޑީގައި ވޯޓުލުން ފެށިފައިވާ ކަމަށެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން ވޯޓުލުމުގެ ކަންކަމަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. ނަމަވެސް ވޯޓުލާން ވަޑައިގެން މީހުންގެ އަދަދު ވަރަށް މަދު ކަމަށާއި ބައެއް ފޮށިތަކުގައި ވޯޓްލާނެ ބަޔަކު ނެތުމުން ވޯޓުލުން ފެށިފައިނުވާ ކަމަށްވެސް ޝަފާތު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް އެއީ ހުރިހާ ބޭފުޅުންވެސް ތޮއްޖެހިގެން ވޯޓުލުމަށް ކިޔުގައި ތިބުމުގެ ބަދަލުގައި ވީހާވެސް އަވަހަކަށް ވޯޓުލާން ވަޑައިގެން އެކަންކަން ފުރިހަމަ ކުރުމަށް،" ޝިފާތު ވިދާޅުވިއެވެ.

ޝިފާތު ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ދުވަސްވަރަކަށް ވުމުން އެންމެން އެއް ގަޑިއެއްގައި ނުވަތަ އެއް ވަގުތެއްގައި ވޯޓުލާން ދިއުމަކީ، ބައްޔަށް އިތުރަށް މަގުފަހިވާނެ ކަމެއް ކަމަށާއި އެހެންކަމުން އަވަހަށް ވަޑައިގެން ވޯޓުލުމުގެ ކަންކަން ނިންމުމަށް އެދޭ ކަމަށެވެ.

އޭނާ ވިދާޅުވީ މި ދުވަސްވަރަކީ ކޮވިޑުގެ ދުވަސްވަރަކަށް ވާތީވެ، ރައްޔިތުންގެ ފަރާތުން އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ބަލި ނުފެތުރޭ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އެދޭ ކަމަށެވެ. އަދި ވިދާޅުވީ ބައެއް ފަރާތްތަކުން ވޯޓުލާ ސަރަހައްދުގައި ގައިދުރުކަމެއްނެތި އެއްވެގެން ތިބޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް ގިނަ ބޭފުޅުން ހުރިހާ ވަގުތެއްގައި މާސްކް އަޅައިގެން ތިބޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ޝިފާތު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރު މޫމިނާ ވަހީދު ވިދާޅުވީ މިހާތަނަށް އިންތިހާބާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވަނީ ފަސް މައްސަލައެއް ކަމަށެވެ. އޭގެ ތެރެއިން ތިން މައްސަލައަކީ މިއަދުގެ ކުރިން ހުށަހެޅިފައިވާ މައްސަލަތައް ކަމަށާއި އެ މައްސަލަތައް ކޮމިޝަނުގައި މަޝްވަރާ ކުރެވި، މައްސަލަތަކާ މެދު ގޮތް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޫމިނާ ވިދާޅުވީ މިއަދު މާލެ ސިޓީންނާއި އައްޑޫ ސިޓީން ދެ މައްސަލައެއް ހުށަހެޅުނު ކަމަށާއި އެ ދެ މައްސަލަ ކޮމިޝަނުން ބަލައި، މަޝްވަރާ ކުރަމުންގެންދާ ކަމަށެވެ. އަދި އެ މައްސަލަތަކާ ގުޅޭ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ކަރަންޓީނުގައި ތިބި ފަރާތްތަކާއި ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުން ވޯޓުލުމުގެ ކަންކަން ކުރެވިފައިވަނީ ވަރަށް ފަހުގެ ވަގުތެއްގައި ކަމަށް ފާހަގަކުރައްވައި މޫމިނާ ވިދާޅުވީ އަދިވެސް އެކަމުގެ އެންމެ ފުރިހަމަ އިންތިޒާމުތައް ހަމަޖެއްސިފައިނުވާ ކަމަށެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި އީސީން އެކަންކަން އަވަހަށް ހަމަޖެއްސުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.