މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން ޖަލަށް ލި ވިޔަފާރިވެރިޔާ މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދު ކޮށްފިއެވެ.
އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރުގެ ހިޔާނާތުގައި ބައިވެރި ވެފައިވާ މައްސަލައިގައި ހާމިދު އިސްމާއިލް ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އެ މައްސަލައަކީ 4 ޖޫން 2014 ދުވަހު، ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ތަރައްގީކުރުމުގެ ގޮތުން ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕިއާރުސީ) އަށް ދެއްކި ފަސްމިލިޔަން ޑޮލަރުގެ ޗެކާ، އެމްއެމްޕީއާރުސީގެ އޭރުގެ މެނެޖިން ޑިރެކްޓަރު އަބްދުالله ޒިޔާތު ހަވާލުވެފައި ވީނަމަވެސް، އެ ފައިސާ އެމްއެމްޕީއާރުސީއަށް ލިބިފައި ނުވާތީ އާއި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރާއި ހާމިދު އިސްމާއީލާ ދެމީހުން ބައިވެރިވެގެން އެ ޗެކު ހާމިދު ހިއްސާވާ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ގެ ބޭންކް އެކައުންޓަށް 09 ޖޫން 2014 ގައި ޖަމާކޮށްފައި ވާތީ އާއި، އެ ފައިސާއިން ހާމިދު މުއާމަލާތް ކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ހާމިދުގެ މައްޗަށް ކުރި ޖަލު ހުކުމް ހައިކޯޓުގައިވެސް އިސްތިއުނާފު ކުރިއެވެ.
ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު، ކުރިމިނަލްކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަން ޖެހޭ ގާނޫނީ އަދި ޝަރުއީ އެއްވެސް ސަބަބެއް ނެތްކަމަށް ނިންމައި އެ ހުކުމަށް ހައިކޯޓުން ތާއީދު ކުރާ ކަމަށް 29 ޖެނުއަރީ 2019 ވަނަ ދުވަހު ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ހާމިދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައި ފަނޑިޔާރު އަލީ ރަޝީދު އިއްވެވި ހުކުމުގައި ވަނީ، އެ މައްސަލައިގައި ދަށު ކޯޓުން ހުކުމް ކޮށްފައިވަނީ، ގާނޫނުގައިވާ ހަމަތަކާ އެއްގޮތަށް ކަމަށް ވާތީ އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރާ ކަމަށެށެވެ.
މި މައްސަަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، އިސް ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އެވެ.
މި މައްސަލައިގެ ހުކުމް އިއްވި އިރު، ހާމިދުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރުމަށްފަހު، 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އޭނާ ވަނީ މިނިވަން ވެފައެވެ.
ސުޕްރީމް ކޯޓް