ހޮޅިތަކެއް ކައިރީގައި ދަމާފައިވާ ކުރީގެ ހައުސިން މިނިސްޓަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ބެނާއެއްގެ ފޮޓޯއެއް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިއްސާކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ރައީސް ނަޝީދު ހިއްސާކުރެއްވި އެ ފޮޓޯގައިވާ ބެނާގައިވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކުރެވިފައިވާ ހިތްފަސޭހަ އަމާން މަގުތަކެއް ބޭނުންނަމަ މުއިއްޒުއަށް ވޯޓުލުމަށެވެ. އެ ބެނާއާ ދިމާ ތިރީގައި ވަނީ ހޮޅިތަކުން ފުނި ޖެހިފައިވާ މަންޒަރެވެ.

"ވޯޓު ދެއްވާއިރު ވިސްނަވާތި. ދަރިފުޅު ފެންވެރުވި ފެނާއެކު ދަރިފުޅު އެއްލާ ނުލައްވާތި. އެންމެންގެ ވޯޓު އެމްޑީޕީއަށް،" އެ ފޮޓޯއާއެކު ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

މާލޭގެ ބައެއް ސަރަހައްދުގައި ހޮޅިތައް އަޅާފައިވަނީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ޑރ. މުއިއްޒު މޭޔަރު ކަމަށްވާދަކުރައްވާ އިރު، އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އެޕާޓީގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އެ ދެ ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އަމިއްލަ ގޮތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައެވެ.