ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް ކުންފުންނާއެކު، ރަސްމާލެ މަޝްރުއާ ގުޅޭގޮތުން ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ އެންމެހާ ތަފްސީލްތައް ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައި ބަހުސް ފަށައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ، ދައުލަތުގެ މިލްކުގައިވާ އެއްްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޭން ވާނީ ނުވަތަ ވިއްކަންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ ދޫކޮށްލަން ވާނީ ނުވަތަ ރަހުނު ކުރަންވާނީ ނުވަތަ ނައްތާލަން ވާނީ ނުވަތަ މިނޫންވެސް މިފަދަ ކަމަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަންވާނީ ގާނޫނީގޮތުގެމަތިން ކަަމަށް ގާނޫނު އަސާސީގެ 250 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ.

މީގެ އިތުރުން މައުލޫމާތު ހޯދުމުގެ މިނިވަންކަން ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިގެންވާ އިރު ރަސްމާލޭގައި ތަރައްގީ ކުރުމަށް ރާވާފައިވާ މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއުގެ ކޮމާޝަން ޓާމްސް އެގްރީމެންޓްގައި ސަރުކާރާއި އީގަލްސް ހިލްސް ކުންފުންޏާ ދެމެދު ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމާ ގުޅިގެން މަޝްރޫއު ކުރިއަށްދާ ވަރަކަށް ތަފްސީލީ އުސޫލުތައް އެކުލަވާލާނެ ކަމަށް ބަޔާންކޮށް އެއްބަސްވުމުގެ ތަފްސީލްތައް ހާމަކޮށްފައި ނުވާ ކަަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް އެކަން އޮތް އިރު މީކާއީލް ވިދާޅުވީ ރަސްމާލެއަކީ ރާއްޖޭގެ މުސްތަގުބަލްގެ ތަރައްގީއާ ގުޅިފައިވާ، ގައުމުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް ސަރުކާރުން ބުނާއިރު ސަރުކާރުން މި މަޝްރޫއު ކުރިއަށްގެންދަން އުޅޭގޮތުން އެކަމުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

މީކާއީލް ފާހަގަ ކުރެއްވި ސަބަބުތައް:

    • ތަފްސީލް ހާމަކޮށްފައި ނުވުން
    • ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު އެ ބިން ހިއްކުމަށްދިޔަ ހަރަދު ދައުލަތަށް އަނބުރާ ނުލިބޭގޮތަށް އެއްބަސްވުން އެކުލަވާލާފައި އޮތުން
    • ރަސްމާލޭން ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރަށް އީގަލްސް ހިލްސް އަށް ދީފައި އޮތުން
    • އިކުއިޒޭޝަން ފީއެއްް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭގޮތަށް އެއްބަސްވުން އެކުލަވާލާފައި އޮތުން
    • އެ ބިމުގައި ތަރައްގީކުރާ ތަންތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކުރުމުގެ ރޯލިންލީޒް އިންޓްރެސްޓް އުފެއްދުމުގެ ހައްގު އީގަލްސް ހިލްސް އަށް ލިބޭގޮތަށް އެއްބަސްވުން އެކުލަވާާފައި އޮތުން
    • މިފދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ ދައުލަތުގެ މުދަލާއި މާލިއްޔަތަށް ނުހަނު ގެއްލުންތަކެއް ލިބި ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަކަށްވުން

މި ކުއްލި މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުގައި ނެގި ވޯޓުގައި މަސަލައަށް ބަހުސްކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިިން 53 މެންބަރުން ވޯޓު ދެއްވައިގެންނެވެ.