ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ސިނޯފާމް ވެކްސިންގެ ދެވަނަ ބެޗު މިރޭ ރާއްޖެ ގެނައުމަށް ހަމަޖެހިއްޖެއެވެ.

މޯލްޑިވިއަން އިން ބުނީ ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރި ސިނޯފާމްގެ ދެވަނަ ބެޗް މިރޭ ރާއްޖެ ގެނެވޭނެ ކަމަށެވެ. ވެކްސިންގެ ފުރަތަމަ ބެޗުވެސް ރާއްޖެ ގެނެސްފައިވަނީ މޯލްޑިވިއަން އިންނެވެ.

ޗައިނާއިން ވަނީ ރާއްޖެއަށް ސިނޯފާމްގެ ދެ ލައްކަ ޑޯޒް ހަދިޔާކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ ބެޗު ގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ރާއްޖޭގައި ސިނޯފާމް ވެކްސިނަށް ހުއްދަ ދީފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެ ވެކްސިން ރާއްޖޭގައި ދޭން ފެށީ މިމަހުގެ 22 ވަނަ ދުވަހުއެވެ. މިހާރު ރާއްޖޭގައި ދެމުން އަންނަނީ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒެވެ.

ރާއްޖޭގައި ސިނޯފާމް ވެކްސިން ދެމުން އަންނަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ ވެކްސިންގެ ދެވަނަ ޑޯޒް ހަތަރު ހަފްތާ ފަހުން ދިނުމަށް ވަނީ ނިންމައިފައެވެ.

ރާއްޖޭގައި ފުރަތަމަ ދެމުން އައީ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދެ ލައްކަ އަށްވުރެ ގިނަ މީހުންނަށް ދީފައިވެއެވެ.

ރާއްޖެއިން ގަންނަން ނިންމާފައިވާ ކޮވިޝީލްޑް ވެކްސިންގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް ވެސް މިހާރު ރާއްޖެ ގެނެސްފައިވާއިރު، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށަން ވަނީ ނިންމައިފައެވެ.