ގއ. މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެރަށު ލިލީ އޮފްދަ ވެލީ، އަހުމަދު އުދައްޔުގެ ގަޔަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ފެބްރުއަރީ 8، 2021 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި އުދައްޔު މަރުވީ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އަދި މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށް ވެސް ވަޅިން ހަމަލާދިނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު މިއަދު މީޑިއާތަކަށް ވިދާޅުވީ، މި މައްސަލައިގައި ތިން މީހަކަށާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާ ކުރަން ޖުވެނައިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ.

އެމީހުންގެ ތެރެއިން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް އާއި އެރަށު ބިލަތްމާގެ، ޝަރަފު ރަޝިދު އަދި ހަމަ އެރަށު ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށް ދައުވާ ކުރުމަށެވެ.

އެމީހުންގެ މައްޗަށް ކުރަނީ ދެ ދައުވާ އެކެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހަމަ އެ ގާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާ އުފުލާފައިވާ ކުޑަކުއްޖާގެ މައްޗަށް ވެސް ކުރަނީ ދެ ދައުވާ އެކެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ހަމަ އެ ގާނޫނުގެ ދަށުން މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.