މި ސަރުކާރުގެ އަމާޒަކީ ދުރާލާ ބަލި ދެނެގަނެވި ނަފުސާނީ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

މި މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އަދި އިންސާފުވެރި ނިޒާމެއް ބިނާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރައްވާނީ ނަފްސާނީ ގޮތުން ދަތިތައް ތަޖުރިބާކޮށްފައިވާ ފަރާތްތަކުގެ މަޝްވަރާ އާއި ބައިވެރިވުމުގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް ވިދާޅުވިއެވެ.

މި އަމާޒަށް ވާސިލްވުމަށްޓަކައި 2025 އިން 2029 އަށް އެކުލަވާލާފައިވާ ނަފްސާނީ ދުޅަހެޔޮކަމުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގެ ދަށުން ސިޔާސަތުތަކާއި ގާނޫނީ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ގައުމީ ފެންވަރުގެ ނަފްސާނީ ސިޔާސަތަކާއި ނަފްސާނީ ސިއްހަތާބެހޭ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އާންމު ސިއްހީ ހިދުމަތުގެ ތެރެއަށް ނަފްސާނީ ސިއްހީ ހިދުމަތް އެކުލަވާލައި، ސަރަހައްދީ އަދި ސްޕެޝަލިސްޓް ފަރުވާގެ ނިޒާމުތައް ހަރުދަނާކޮށް، ޓެލެ-މެންޓަލް ހެލްތާއި ކުއްލި ހާލަތްތަކުގައި ފަރުވާ ދިނުމުގެ ނިޒާމު ތަރައްގީ ކުރައްވަމުން ދާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ، ނަފްސާނީ މައްސަލަތަކުން ރައްކާތެރިވުމާއި ބަލި ކުރީބައިގައި ދެނެގަނެ ފަރުވާދިނުމަށް އިސްކަންދިނުން ކަމަށެވެ. އަދި ފެންވަރު ރަނގަޅު ސިއްހީ ހޮދުމަތް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުން ކަމަށާއި އޯގާތެރި، އެކަކު އަނެކަކަށް އެހީވާނެ މުޖުތަމައެއް ބިނާ ކުރުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.