ރަސްމާލޭގައި މެރީނާއަކާއި ޒަމާނީ ފެންވަރުގެ ވޯޓާފްރަންޓު ސިޓީއެއް ތަރައްގީކޮށް ހިންގަން ހަވާލުކުރި އަބޫދާބީގެ އީގަލްސް ހިލްސް ކުންފުނީގެ އަމިއްލަ ހަރަދުގައި ހުޅުމާލޭގައި ހަދާ ހައުސިން މަޝްރޫއުގެ ވީޑިއޯ ދައްކާލައިފިއެވެ.
އީގަލް ހިލްސްއިން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 5000 ހައުސިން ޔުނިޓު ހަދާނެއެވެ. އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ތަރައްގީ ކުރާ 5،000 ހައުސިން ޔުނިޓް މަޝްރޫއުގެ ކޮންސެޕްޓް ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ.
މިނިސްޓަރު މުއްތަލިބް ހިއްސާ ކުރެއްވި ވީޑިއޯގައި ރެސިޑެންޝަލް ޓަވަރުތަކާއި ވޯޓާފްރަންޓް ޓައުންހޯމްތައް ފެނެއެވެ. އޭގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަނާއި ޒަމާނީ ފެންވަރުގެ ކެފޭ ރެސްޓޯރަންޓްތަކާއި ފިނި މައިޒާންތަކާއި ހިތްފަސޭހަކޮށްލަން މަޑުކޮށްލާނެ ތަންތަން ވެސް ފެނެއެވެ.
މީގެ އިތުރުން އެންމެ ޒަމާނީ ފިހާރަތަކާއި، މޫދަށް އެރޭނެ ތަންތަނާއި ޕޫލްތަކުގެ އިތުރުން މޫދު ކައިރީގައި ހަދާ ބޮޑު މިސްކިތެއް ވެސް އެ ވިޑިއޯއިން ފެނިގެން ދެއެވެ.
އެ ވީޑިއޯގައި ފެނިގެންދާ ހުޅުމާލެ ފޭސް 3 ވިޝަން މާސްޓާޕްލޭން ކުރެހުންތައް ތައްޔާރުކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ 'ވާއު އާކިޓެކްޓްސް/ ވާނާ ވޮންގް ޑިޒައިން" އިންނެވެ.
އީގަލް ހިލްސް ކުންފުނީގެ އަމިއްލަ ހަރަދުގައި ހުޅުމާލޭގައި ހަދާ ހައުސިން ޔުނިޓުތަކަށް 400-500 މިލިއަން ޑޮލަރު ހަރަދުވާނެއެވެ.
ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ދަށުން ޒަމާނީ މެރީނާއަކާއި ދުނިޔޭގެ ފެންވަރުގެ ވޯޓަފްރަންޓް ސިޓީއެއް ތަރައްގީކުރުމަށް ވަނީ ނިންމައިފައެވެ.
ރާއްޖޭގެ ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން ނިންމާފައިވާ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. މާލެއިން ގާތްގަނޑަކަށް ވިއްސަކަށް މިނެޓުން ސްޕީޑްބޯޓުގައި ދެވޭ ރާސްތާގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ 1،100 ހެކްޓަރުގެ ރަސްމާލޭގައި ހިންގާ މި މަޝްރޫއުގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި ޕްރީމިއަމް ރެސިޑެންސްތަކާއި މެރީނާއެއްގެ އިތުރުން ވިޔަފާރި މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހިމެނޭނެއެވެ.
މީގެ އިތުރުން، ތައުލީމީ މަރުކަޒުތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި ދުޅަހެޔޮކަމަށް ހާއްސަ މަރުކަޒުތައް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭނެއެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ބެލެވޭ އިރު، 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެއެވެ.
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3
ކޮމެންޓް