ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އަށަގެންފައިވާ ނުރަނގަޅު ތަސައްވަރުތަކާއި ލޭބަލްތައް މުޅިން ފޮހެލާން ޖެހޭ ކަމަށާއި ނަފުސާނީ ބަލި ތަހައްމަލު ކުރަމުން އަންނަ މީހުންނަށް ލޯތްބާއި އޯގާތެރިކަމާއި ރައްކާތެރި މާހައުލެއް ގާއިމް ކުރާން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ނަފުސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި އިއްޔެ ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ކޮމިއުނިޓީ ކަލަރރަން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮންމެ ފަރުދެއްގެ ކިބައިގައިވެސް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހިއްސާ ކުރަން ހުރި ތަޖުރިބާތައް ހިއްސާކުރުން މުހިއްމު ކަމަށެވެ. އެކަނިވެރިކަމާއި ހިތްދަތިކަމުގައި އެފަދަ ގޮންޖެހުންތައް ތަހައްމަލު ކުރުމުންދާ ފަރާތްތަކުގެ އަޑު އެހުމުން ނޫނީ އެމީހުންނަށް ބޭނުންވާ ހަގީގީ އެހީތެރިކަން ފޯރުކޮށް ނުދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ޝިއާރު ކަމުގައިވާ "ތަޖުރިބާގެ އަޑު ކަނުލާ އެހުން: ހަގީގީ އަޑު، ހަގީގީ ބަދަލު" އަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ އެ ޝިއާރުން ވެސް ހަނދާންކޮށްދެނީ ނަފުސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައިވާ ސިޔާސަތުތަކަށް ވެގެން ނުވާނެކަން ކަމަށެވެ.

"އަޅުގަނޑުމެން އެ އަޑުތައް އަހައި، އެހާލަތްތަކަށް އިޖާބަދޭންވީ ވަގުތަކީ މިއީ. ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އަށަގެންފައިވާ ނުރަނގަޅު ތަސައްވަރުތަކާއި ލޭބަލްތައް މުޅިން ފޮހެލާން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަކު އަނެކަކަށް ލޯތްބާއި އޯގާތެރިކަމާއި އަޅައިލުން އިސްކުރާ ރައްކާތެރި މާހައުލެއް ބިނާކުރުމަކީ މިއަދު އެންމެންގެ ކޮނޑުގައި އެޅިފައިވާ މުހިންމު ފަރުދީ އަދި ގައުމީ ޒިންމާއެއް ކަމަށެވެ. ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަންދިނުމަކީ ވަކި ބައެއްގެ ކަމެއް ނޫންކަމަށާއި އެއީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ދުނިޔޭގެ ނަފްސާނީ ސިއްހަތު ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ. މިއަހަރުގެ މިދުވަސް ފާހަގަ ކުރުމަށް ހަރަކާތްތައް ކުރިއަށްގެންދަނީ ކ. ކާށިދޫގައެވެ.