ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ބޭނުން ވެގެން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ވައްކަމުގެ މައްސަލަ އަލުން ބަލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ތަހުގީގުކުރުމަށްފަހު، ކުރީގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް 11 ބޭފުޅުންނަށް ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކެއް، ގަރީނާއެއް ނެތް ކަމަށް ވިދާޅުވެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ އެ ރިޕޯޓު އަނބުރާ ފޮނުވާލައިފައެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ރިވިއުކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެދުނު ނަމަވެސް, އެ އޮފީހުން ވަނީ އެ މައްސަލައިގައި ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭން ޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނަ ކަމަށް ބުނެ, މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ބަދަލު ނުކުރަން ނިންމައިފަ އެވެ.
އެކަމާ ގުޅިގެން އޭސީސީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބޮޑެތި ފާޑުކިޔުންތަކެއް ޕީޖީ އޮފީހަށް ވަނީ އަމާޒުކޮށްފަ އެވެ. އަދި ވެންޓިލޭޓަރު މައްސަލައިގައި ދައުވާކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ބުންޏެވެ. މި މައްސަލައިގައި ސަރުކާރު ހިންގާ މައި ޕާޓީ, އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި އާންމުން ވަނީ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އާއި ޕީޖީ ހުސެއިން ޝަމީމު މަގާމުން ދުރުކުރަން ވެސް ގޮވާލި އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ, ވެންޓިލޭޓަރު މައްސަލައިގައި ބަލާފައިވާނީ ތަހުގީގަށް ހޯދިފައި ހުރި ހެކިތަކުގެ މައްޗަށް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެ އޮފީހުން ނިންމި ގޮތާމެދު އޭސީސީން އިންތިހާއަށް ހިތްހަމަޖެހިވަޑައިނުގަންނަވާތީ އާއި މިއީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައަކަށްވާތީ މި މައްސަލައިގައި އެ އޮފީހުން ނިންމި ނިންމުން އަލުން ބަލައި އެކަމުގައި އިތުރަށް ބަލަން ޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނެގަތުމަށް ނިންމާފައިވާ ކަމަށެވެ.
"އެ ނިންމުން މުރާޖައާ ކުރާއިރު މައްސަލައިގައި ފުލުހުންނާ ގުޅިގެން ހޯދިފައިވާ ހެކިތައް ވެސް ވަކިން ގެނެސް, އިތުރަށް ތަހުގީގުކުރަން ޖެހޭ ކަމެއް އޮތްނަމަ, އެކަމެއް, މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާއެކު ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިރުޝާދު ދިނުމަށް ވެސް ގަސްދުކުރަމެވެ," ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.
އެ އޮފީހުން ބުނީ, ގާނޫނީ ނިޒާމު ބައްޓަން ވެފައި އޮތް ގޮތުން ޖިނާއީ މައްސަލައެއްގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގައި އެ އޮފީހުން ބަލަން ޖެހޭ ދެކަމެއް އޮންނަ ކަމަށާއި އެއީ މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުރިތޯ އާއި އާންމު މަސްލަހަތު އޮތް މިންވަރު ކަމަށެވެ.
މި މައްސަލައިގައި އާންމު މަސްލަހަތު އޮތްކަމާ މެދު ޝައްކެއް ނެތް ނަމަވެސް މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ހުރި މިންވަރާމެދު ސުވާލު އުފެދިފައިވާ ކަމަށް ބުންޏެވެ.
"މިހާރު އަމަލުކުރަމުން އަންނަ ގާނޫނީ ނިޒާމުގައި ދައުވާކުރާއިރު ހިޔާލީ ވާހަކައެއް ނުދެއްކޭނެ އެވެ. ދައުވާގެ ކޮންމެ އިބާރާތެއް, ހެއްކާއެކު ސާބިތުކޮށްދޭން ޖެހެ އެވެ. އެކަމުގައި މި އޮފީހުން ބަރޯސާ ވަނީ މައްސަލައިގައި ތަހުގީގީ އިދާރާތަކުން ހޯއްދަވާފައިވާ ހެކިތަކަށެވެ. އެއީ, ޝަރުއީ ކޯޓެއްގައި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވިދާނެ މިންވަރުގެ ހެކިތޯ ނުވަތަ ނޫންތޯއެވެ.," ޕީޖީ އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު