ރ. އުނގޫފާރުގައި މިހާރު އުފެދިފައިވާ ކޮވިޑް ކްލަސްޓާއާ ގުޅުންހުރި މީހަކު އެ އަތޮޅު އަލިފުށިން ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އަލިފުށި ސިއްހީ މަރުކަޒުން ބުނީ އުނގޫފާރު ކްލަސްޓާއާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ސާމްޕަލް ނެގި މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ސިއްހީ މަރުކަޒުން ބުނީ އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެންމެހާ ފަރާތްތަކުން ގައިދުރުކަން އިސްކުރުމާއި މާސްކް އެޅުމަށާއި ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސިއްހީ މަރުކަޒުން ވަނީ އެދިފައެވެ.

ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އުނގޫފާރު މޮނިޓަރިންއަށް ލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އުނގޫފާރަށް ދަތުރުކުރި އެކި ރަށްރަށުގެ މީހުން ކަރަންޓީނުވުމަށް އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.

އުނގޫފާރުގެ ކްލާސްޓާއާ ގުޅިގެން ކ. ދިއްފުއްޓާއި ޅ. ނައިފަރާއި ރ. ހުޅުދުއްފާރާއި އެ އަތޮޅު މަޑުއްވަރީ ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.