މާލެ ސަރަހައްދުގައި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށް އެންގި އެންގުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބާތިލުކޮށްފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން މިދިޔަ މަހުގެ 12 އިން ފެށިގެން ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުނު އިއުލާނެއްގައި ވަނީ މާލެ ސަރަހައްދުގައި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް އަންގާފައިވާ އެންގުން މިހިނދުން ފެށިގެން ބާތިލުކޮށްފައިވާ ކަމަށެވެ.

އެއްގަމު އުޅަނދު ދުއްވުމަށް ހުއްދަ ދިން ނަމަވެސް ކާފިއު ވަގުތަށް ބަދަލު ގެނެސްފައެއް ނުވެއެވެ. މާލެ ސަރަހައްދުގައި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.

މީގެ އިތުރުން ޕާކްތަކާއި މައިޒާންތައް ބަންދު ކުރުމަށް ނިންމި ނިންމުންވެސް މިރޭ ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް އެހެން ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

އެ ފިޔަވަޅުތަކަކީ ފަސް މީހުންނަށްވުރެ ގިނައިން މީހުން އެއްވެ ނޫޅުމާއި ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުމާއި ދުވާ ޓްރެކްތަކާއި ސިނަމާތައް ބަންދުކުރުމާއި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި ކުޅިވަރު އަދި ކަސްރަތު ހަރަކާތްތައް ހުއްޓާލުމެވެ.