މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައި ހިނގި ހިތާމަވެރި ދެ އެކްސިޑެންޓެއްގައި ދެމީހުން މަރުވެފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގުކޮށް، އެކަމުގައި އިހުމާލުވާ ކަމަށް، އިންވެސްޓިގޭޝަން ރިޕޯޓުގައި ފާހަގަކޮށްފައިވާ އެމްޕީއެލްގެ މުވައްޒަފުންނަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިފަހުން އެމްޕީއެލްގައި ހިނގި ހިތާމަވެރި ދެ ހާދިސާގެ ތެރެއިން ފަހެއް ފެބްރުއަރީ 2021 ގައި އެމްޕީއެލްގެ ޔާޑުގައި ހުރި ކާޕެޓް ރޯލުތަކެއް ބޭރަށް ނެރުމަށްޓަކައި ކެރޭނުން ދޯންޏަކަށް އެރުވުމުގެ ތެރޭގައި، ކާޕެޓް ރޯލެއް ގައިމައްޗަށް ވެއްޓި އޭގެ ދަށުވެގެން ލިބުނު ޒަހަމްތަކަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު، އިންޑިއާއަށް ގެންގޮސް އިތުރަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ، ހދ. ނޮޅިވަރަމް/ ނައިޓް ޑްރީމް، އިމްރާން އަލީ، 28އ. އެވެ. އޭނާ މަރުވީ އެމަހުގެ 17 ވަނަ ދުވަހު އެވެ.
ދެވަނަ ހާދިސާގައި ހުސްވި ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުގެ ރޭ އެމްޕީއެލް ސަރަހައްދުގައި ބިއްލޫރި ޕެލެޓެއް ވެއްޓި އޭގެ ދަށުވުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ނ. ލަންދޫ/ ފޭރުގަސްދޮށުގޭ، އަބްދުﷲ އާސިމް (27އ) އެވެ. އޭނާ މަރުވީ އެ މަހުގެ 16 ގައެވެ.
އެ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން ދިރާސާާކޮށް އެ ކޮމިޓީގެ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހެޅީ މިއަދު އެވެ. އެ ރިޕޯޓު މަޖިލީހުން ފާސްކުރި އިރު ގިނަ ކަންތައްތަކެއް ކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް ވަނީ ލަފާދީފަ އެވެ.
އެގޮތުން ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ އެއްްގޮތަށް ބަނދަރުތަކުގެ ސެކިއުރިޓީގެ ކަންކަން ލާޒިމު ކޮށްފައިވާތީ، ބަނދަރުތަކުގެ ސެކިއުރީޓީއާ ގުޅޭ ގޮތުން، ވީ އެންމެ އަވަހަށް ބަނދަރުތަކާ ބެހޭ ގާނޫނެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމަށާއި ބަނދަރުތަކުގެ ސަލާމަތާ ބެހޭ ގަވާއިދުތައް އެކުލަވައިލުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގަން ވަނީ ހިމަނައިފައެވެ.
ބަނދަރުތަކުގައި ހިނގާ ކަންކަން އާންމު އުސޫލުން މޮނިޓާ ކުރެވޭނެ ގޮތްތަކެއް ކަނޑައަޅައި އެކަންކަން ރިޕޯޓު ކުރެވޭނެ ގޮތެއް ގާއިމުކުރުމަށް ޓްރާންސްޕޯޓް އޮތީރިޓީ އާއި އެމްޕީއެލްއަށް އަންގަން ވެސް ވަނީ ހިމަނައިފައެވެ.
އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ ސޭފްޓީ އެންޑް ހެލްތުން ޕޯޓްސްގެ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް އެޑްމިނިސްޓްރޭޝަންގެ ގައިޑްލައިނާ އެއްގޮތަށް ކޮންޓެއިނާ ޔާޑާއި ޕޯޓްސް ކްލިއަރިން އޭރިއާ ވަކިކުރުމަށް އެމްޕީއެލްއަށް އެންގުމާއި ސ. ހިތަދޫ ޕޯޓްސް ފެސިލިޓީ އާއި ހދ. ކުޅުދުއްފުށީ ޕޯޓްސް ފެސިލިޓީ އާއި ހުޅުމާލެ ޕޯޓް ފެސިލިޓީގެ ސެކިއުރިޓީ އެސެސްމެންޓް ހަދައި އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓްސް ފެސިލިޓީ ސިކިއުރިޓީ ކޯޑް ކޮމްޕްލެ އިން އޮޑިޓްގެ މަސައްކަތް ނިންމުމަށްފަހު ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅުމަށް އެމްޕީއެލްއަށް އެންގުމަށް ވެސް ވަނީ ހިމަނައިފައެވެ.
އެމްޕީއެލްގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުންނާއި ކުންްފުނިން ހިދުމަތް ހޯދަން ވައްދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ކުންފުނީގެ މުވައްޒަފުންނާއި ބަނދަރުން ހިދުމަތް ހޯދާ އެންމެހާ ފަރާތްތައް ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކަށް ތަބާވޭތޯ ކަށަވަރު ކުރުމަށް އެންގުމަށާއި މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލޭ ޓާމިނަލަށް މުދާ ކްލިއާ ކުރަން ވަންނަ ކުލިއަރިން އެޖެންޓުންގެ ކުލިއަރެންސް އެޖެންޓް ރެޖިސްޓްރޭޝަން ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް އެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް 30 އޭޕްރީލްގެ ކުރިން ނިންމަން އެމްޕީއެލް އަށް އެންގުމަށް ވެސް ހިމަނާފައިވެއެވެ.
އެ ދެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ޖިނާއީ ތަހުގީގު ކުރުމަށްފަހު، ތަހުގީގު ރިޕޯޓު ކޮމެޓީއާ ހިއްސާ ކުރުމަށް އެންގުމަށް ވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު