ކ. ދިއްފުށިން މިމަހުގެ ދެވަނަ ދުވަހު ރ. އުނގޫފާރަށް ދަތުރު ކުރި ބަޔަކު ޕޮޒިޓިވް ވެ ދިއްފުށި މޮނިޓަރިން އަށް ލައިފި އެވެ.
ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން އުނގޫފާރު މޮނިޓަރިން އަށް ލާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އުނގޫފާރަށް ދަތުރުކުރި އެކި ރަށްރަށުގެ މީހުން ކަރަންޓީނު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފަ އެވެ.
ދިއްފުށި ކައުންސިލް ރައީސް އިބްރާހިމް އަޒީމް "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެރަށުން އުނގޫފާރަށް ދިޔަ ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ޕޮޒިޓިވް ވި މީހުން ގޭގައި ކަރަންޓީނު ކޮށްފައިވާ ކަމަށާއި މިވަގުތު އެރަށަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށެވެ.
އަޒީމް ވިދާޅުވީ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަން އެޗްޕީއޭ އިން އަންގާފައިވާ ކަމަށާއި އެހެން ކަމުން އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު ހުރިހާ ރައްޔިތުންވެސް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެޗްއީއޯސީން ބުނީ ދިއްފުށިން ބަލީގެ އަލާމާތްތައް ހުރި ދެ މީހަކު ޓެސްޓު ކުރުމުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިހާރު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި ކޭސް އިންވެސްޓިގޭޝަންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އުނގޫފާރުން ފަސް މީހުންނަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު