ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ގޮތަށް ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތައް ހާމަކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.
ދިވެހި ރައްޔިތުންގެ ނަމުގައި އެ ސިޓީ ރައީސަށް ފޮނުއްވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ހަރަކާތް ކޮމިޓީގެ ފަރާތުންނެވެ. އެގޮތުން ރައީސަށް އެރުވި ސިޓީގެ ކޮޕީއެއް ބޮޑު ބޯޑަކަށް ޕްރިންޓު ކޮށްގެން އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް އޮފީސް ސަރަހައްދަށް ގޮސްފަ އެވެ. ނަމަވެސް އެކަމަށް ފުލުހުން ހުރަސް އެޅުމުން, ހަރަކާތް ކޮމިޓީގެ ދެބޭފުޅަކު ވަނީ އެ ސިޓީ ރައީސް އޮފީހާ ހަވާލުކޮށްފަ އެވެ.
ރައީސަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ, އެމްޑީޕީއަށް ގައުމުގެ ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ ފަދަ އެއްބަސްވުންތަކަށް ބޭރުގެ ވިޔަފާރި ބައެއް ކުންފުނިތަކާއި ބޭރުގެ ދައުލަތް ތަކާއެކު ވަންނަކަމީ ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
ވެރިކަމަށް ވަޑައިގެން ރައީސް ސޯލިހު, ރައްޔިތުންނަށް ދެއްކެވި ހުވަފެންތަކާ ހިލާފަށް, ގައުމުގެ މިނިވަންކަމާއި އިއްޒަތާ ކަރާމާތަށް ބެއްލެވުމެއް ނެތި އަޑި ނޭނގޭ ސިއްރު އެތައް އެއްބަސްވުންތަކެއްގައި އިންޑިއާއާއެކު ސޮއިކޮށްފައިވުމުން ގައުމުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދިފައިވާ ކަމަށް ބުނެފައިވެ އެވެ.
"ވީމާ, ރައްޔިތުންގެ ކަންބޮޑުވުންތައް ފިލުވައިދިނުމަށާއި ދިވެހި ރައްޔިތުންނަށް ކުޑަވެސް ލޯތްބެއް އޮތްނަމަ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ގޮތަށް މަނިކުފަނު ސޮއިކުރައްވާފައިވާ އަޑި ނޭނގޭ ސިއްރު މި އެއްބަސްވުންތައް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ދަންނަވަމެވެ," ސިޓީގައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު