ޗައިނާ ސަރުކާރުން ހަދިޔާކުރި ވެކްސިން ގެންނަން އެއް ލައްކަ ޑޮލަރު ހަރަދު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓެގު ކުރައްވައި އަނދުން ހުސެއިން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ޗައިނާ ސަރުކާރުން ހަދިޔާ ކުރި ވެކްސިން ބަލައި ދާން ލައްކައަށްވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން ފްލައިޓެއް ޗާޓަރު ކުރަން ޖެހުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
އަނދުން ހުސެއިން މިހެން ވިދާޅުވި އިރު, ޗައިނާ ސަރުކާރުން ރާއްޖެއަށް ދެ ލައްކަ ޑޯޒު ހަދިޔާ ކުރަން ނިންމާފައިވާކަން ވަނީ އިއުލާން ކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ޝިޕްމަންޓެއް އަދި ރާއްޖެ ލިބިފައި ނުވާއިރު, ޗައިނާ ސަރުކާރުން ދެނީ ކޮން ކަހަލަ ވެކްސިނެއް ކަމެއް އަދި ނޭނގެ އެވެ.
ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހްމަދު ނާސިރު މިދިޔަ އާދީއްތަ ދުވަހު ވިދާޅުވީ, ޗައިނާއިން ދޭ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ. ތާރީހެއް ވިދާޅެއް ނުވެ އެވެ.
ޗައިނާގައި އުފައްދާ ސިނޯފާމް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފައިވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ.
ހުސެއިން ޝަހީމް (އަނދުން ހުސެއިން)
ހުސެއިން ޝަހީމް (އަނދުން ހުސެއިން)
ހުސެއިން ޝަހީމް (އަނދުން ހުސެއިން)