އަޑީގައި ހުންނަވައިގެން ވަޒީރުންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިގެންނާއި އެކި ގޮތްގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދުގެ ސޯލިހުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތް ތަކަކީ، އެމަނިކުފާނުގެ ވެރިކަމުގައި ވިއްކާލާފައިވާ ފަސް ފަޅެއްގެ މައްސަލަ ފޮރުވަން ވެގެން ކުރައްވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.
މެންބަރު ހުސެއިން ޝަހީމު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ކުރިއަށްގެންދާ، ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ބަހުސްގައެވެ.
"މިއީ ކަނޑައެޅިގެން ރައީސް ކުރައްވާފައި ހުރި ކަންތައްތަކެއް، ފޮރުވުމަށް ރައީސް އަޑީގައި ހުންނަވައިގެން ހިންގާކަމެއް،" މަޖިލިސް ރައީސަަށް ނިސްބަތްކުރައްވައި ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭޖީގެ އިތުބާރުނެތްކަމުގެ މައްސަލައަކީވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދުނާމު ކުރަން ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށެވެ.
"ސަބަބަކީ އިއްޒަތްތެރި ރައީސްގެ ވެރިކަމުގައި ރާއްޖޭގެ ސަރަހައްދުން މާލޭ ސަރަހައްދުން ވަނީ ފަސް ފަޅެއް ގާތް ބަޔަކަށް ދެއްވާފައި. މި ވާހަކަ ރާއްޖޭގެ ރައްޔިތުން އަޑުހަރުކޮށް ދައްކަން ފެށީމާ 5000 ހައުސިން ޔުނިޓް ފްލޯޓިން ސިޓީއެއްގައި އަޅާނެ ކަމުގެ ވާހަކަ ދެއްކީމާ އެވާހަކަ ފޮރުވަން ކޮށްގެން އުޅޭ ކަމެއް، ލެގޫން އެކެއް، ލެގޫން ދޭއް، ލެގޫން ހަތެއް، ލެގޫން ނުވައެއް، ލެގޫނު 19، ލެގޫން 17، ލެގޫން 37، މި ލެގޫންތައް މާލޭ ސަރަހައްދުން މަޖިލިސް ރައީސް ވަނީ ޑަޗް ޑޮކްލޭންޑްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރައްވާފައި. މީގެ ތެެރެއިން ލެގޫން 19 ވަނީ 16.579 މިލިޔަން ޔޫރޯއަށް ވިއްކާލާފައި،"
އޭނާ ވިދާޅުވީ، ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭކަަމަށްވާ ނަމަ، އެއީ ކަންބޮޑުވުމެއް ކަމަށެވެ. ރާއްޖޭގެ ސަރަހައްދެއް ގެއްލިގެން ނޫޅޭ ކަމަށާއި، އެ ތަނަކީ އެއްވެސް އިރަކު ރާއްޖެއަށް ލިބިފައިވާ ތަނެއް ނޫން ކަމަށްވެސް ވިދާޅުވިއެެވެ.
"މިއީ ހިތާމަހުރި ކަމެއް އަމިއްލައަށް ގޯހެއް ހެދިފައިވާތީ އެކަން ފޮރުވުމަށް އެހެން ބައެއްގެ ބޮލުގައި ވަގު ބަދުނާމު އަޅުވައި އިލްޒާމުތައް އެޅުވުމަކީ ގޯހެއް. މި ލެގޫންތައް ވިއްކައިގެން ލިބޭ ލާރިން، މަޖިލިސް ރައީސް ވަނީ ޑަޗް ޑޮކްލޭންޑްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައި، ރިޔާސީ ޕްރައިމަރީގައި ތާއީދުކޮށްދިނުމަށް އެދި، އެތަނުގެ ވަޒީފާއަށް އައްޑުއަތޮޅު ފޭދޫންވެސް ވަނީ ލިޔުން ދީފަ،" ހުސެއިން ވިދާޅުވިއެވެ.