ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން 55 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭ ކަމަށާއި، އެކަން ރިވިއުކުރަންޖެހޭކަމަށް ވިދާޅުވެ، ރައީސް ސޯލިހުގެ ފެކްޝަނުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވާހަކަދެއްކެވުމުން ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުން ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
ރިސޯޓު މެނޭޖަރުކަމާއި އެޗްއާރު މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަގާމުތަކަކީ ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަގާމުތަކެއް ކަމަށް ކަނޑައެޅުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ޝަހީމު ވިދާޅުވީ، "އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ހަރަދުކުރާ ފަރާތްތައް އެބަޖެހޭ ހަރަދު އިގުތިސާދު ކުރަން، އެހެން މިދެންނެވީ ދިވެހިރާއްޖޭގެ ބަޖެޓަކީ ދުނިޔޭގެ ކޮކާކޯލާ ކުންފުނީގެ އެޑްވަޓައިޒިން ބަޖެޓަށްވުރެވެސް ކުޑަ ބަޖެޓެއް، ރާއްޖޭގެ ބަޖެޓަކީ އެމެރިކާގެ މަޝްހޫރު ބޮކްސިން ތެޅުންތެރިއެއްގެ އެއް އަހަރު ދުވަހުގެ އާމްދަނީއަށްވުރެ ކުޑަ ބަޖެޓެއް،" ކަމަށެވެ.
މިފަދަ ގައުމެއްގައި ދިރިއުޅެމުން އަންނަ އިރު، ދައުލަތުގެ ހަރަދުގައި ބަލަހައްޓަންޖެހޭ ފަރާތްތަކަަށް ކުރެވޭ ހަރަދުތައްވެސް ބެލިގެން، އިސްރާފު ނުވާނެފަދަ ގޮތަކަށް ކުރިއަށްދާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތުން ރައީސް ނަޝީދަށް ކުރާ ހަރަދަށް އިޝާރާތްކުރައްވައި މެންބަރު ޝަހީމް ވިދާޅުވީ، "ހިތާމައަކީ މިއަދުވެސް ދައުލަތުގެ ހަރަދުގައި ހަރަދު ކުރާ ފަރާތްތަކުގެ ހަރަދަށް، މިއަދު މި ގަޑީގައި އައިޖީއެމްއެޗްގައި ވިހާ ކުއްޖާގެ ބޮލަށްވެސް 80 ވަރަކަށް ރުފިޔާ ޖެހޭގޮތްވުން، މި ދަންނަވަނީ ދިވެހި ކޮންމެ ރައްޔިތަކަށް 80 ރުފިޔާ ވަކި ބޭފުޅަކަށް ދައުލަތުން ކުރާ ހަރަދުގެ ގޮތުގައި ހިމެނިގެން ދިއުމަކީ ހިތާމަހުރިކަމެއް،" ކަމަށެވެ.
އެއީ ދައުލަތަށް އޮބި އޮންނަވަރުގެ ކަމަކަށްނުވާތީ، ބައެއް މެންބަރުން ހިތްހަމަ ނުޖެހުނު ކަމަށްވިޔަސް، ގަޔާނުވިޔަސް އެ ވާހަކަ ދައްކަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު ޝަހީމުގެ އެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދުގެ ފެކްޝަނުން ނިޒާމީ މައްސަލަ ފުރަތަމަ ނެންގެވީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
އޭނާ ވިދާޅުވީ، "ރާއްޖޭގެ ރައީސްކަން ކޮށްފަ ހުންނެވި ބޭފުޅަކު މަރާލަން ބޮމެއް ގޮއްވާލީމަ ސެކިއުރިޓީ ދިނުމުން، އެ ސެކިއުރިޓީއާ ދެކޮޅަށް ހަރަދުނުކުރާށޭ ބުނަނީ އަނެއްކާވެސް އެމަނިކުފާނު މަރާލަން ފުރުސަތު ހޯދަން، ތަކުރާރުކޮށް އެ މެންބަރު އެވާހަކަ އެބަދައްކާ މިހާރު ތަހުގީގުކުރާ ހިސާބަށް ހިނގައްޖެ، ރައީސް ނަޝީދަށް ދެއްވާފައި އޮތް ސެކިއުރިޓީގެ ހަރަދު ކުޑަކުރަން ތަކުރާރުކޮށް އެވާހަކަ ދައްކަނީ ރޭވުމެއްގެ ތެރެއިން ކަަމަށް އަޅުގަނޑު ގަބޫލުކުރަން، ބޭނުމަކީ އަނެއްކާވެސް އެމަނިކުފާނު މަރައިލުން، މަރާނުލެވިގެން މި މީހުން މި މަސައްކަތް ކުރަނީ،" ކަމަށެވެ.
ބޮންޑޭގެ ވާހަކަތަކާ ގުޅިގެން ޝަހީމު ވިދާޅުވީ ބޮންޑޭ އެގޮތަށް ވާހަކަދެއްކުމުން އެކަން އިތުރަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
ވިދާޅުވީ އެ ދައްކަވަނީ މަޖިލިސް ރައީސް ނަޝީދުގެ ހާއްސަ ސެކިއުރިޓީއަށް ކުރާ ހަރަދުތަކުގެ ވާހަކަ ނޫން ކަމަށެެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީއަށްޓަކައި މިފަހަރުގެ ބަޖެޓުގައިވެސް 23 މިލިއަން ރުފިޔާ މެންބަރުން ފާސްކޮށްދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ދެން ޝަހީމް ވިދާޅުވީ، "އަޅުގަނޑު މިދަންނަވަނީ، މަޖިލީހުގެ ރައީސް ބޭސްފަރުވާއަށް ޖަރުމަނަށް ވަޑައިގަތީމާއި ޖަރުމަނުގައި ގަނޑުވަރުކޮޅެއް، އަދި އެ ގަނޑުވަރުކޮޅު ކުއްޔަށް ހިފާފައި ބަހައްޓަވާފައި، އަނެއްކާ ލަންޑަނަށް ވަޑައިގަތީމާ އަނެއްކާ އެއަށްވެސް ސަރުކާރުން ދެވަނަ ގަނޑުވަރުކޮޅަަކަށް ވެސް ސަރުކާރުން ފައިސާ ހަރަދުކުރީ، މިގޮތަށް ރައްޔިތުންގެ ފައިސާ ހަރަދުކުރުމަކީ ދެރަކަމެއް،" ކަމަށެވެ.
އެ ހިސާބުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ނިޒާމީ ނުކުތާ ނެންގެވިއެވެ.
މެންބަަރު ޝަހީމު ވާހަކަދައްކަވަނީ ހުށަހަޅާފައިވާ މައްސަލައަށް ނޫންކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ، މެންބަރު ޝަހީމު ވާހަަކަދައްކަވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނުމަށް ހިތްވަރުދޭގޮތަށް ކަމަށެވެ.
"މިހާރުވެސް އެ ހިތްވަރުދެއްވަނީ މި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން، ހަމަލާއިން އެމަނިކުފާނަށް ލިބުނު ޒަހަމްތަކަށް ބޭސްފަރުވާކުރަން ދައުލަތުން ދަރާފަ އޮތް ދަރަނި، ރައީސް ސޯލިހުގެ ސަރުކާރު އޮވެމެ އެމަނިކުފާނަށް ރައްކާތެރިކަން ނުދިނުމުގެ ސަބަބުން އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ، އެކަން އެގޮތަށް ކޮށްފަ އެ ދަރަނިވެސް އަދާކުރައްވަން ޖެހިފަ ވާއިރުގައި އެމަނިކުފާނަށް އަނެއްކާ ރައްކާތެރިކަން ނުދިނުމަށް ވަކާލާތު އެ ކުރައްވަނީ، ކުރެވިގެންވާނެ ކަމެއް ނޫން، އެއީ ލަދުވެތިކަމެއް، މިބޭފުޅުން ލަދުގަންނަންޖެހޭނެ އެއީ މި މަޖިލީހުގެ ރައީސް އަވަހާރަކޮށްލަންދިން ހަމަލާގެ ވާހަކަ މިދައްކަނީ، އެއަށް އިންސާފުވެސް ނުހޯއްދެވުނު މިސަރުކާރަކަށް އަނެއްކާ ހިތްވަރު އެދެއްވަނީ،"
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ނުބަލައި، މި ސަރުކާރުން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބަލައި، ހަރަދުގެ ވާހަކަ ދައްކަން ލަދުގަންނަންޖެހޭނެ ކަމަށްވެސް އިންތި ވިދާޅުވިއެވެ.
އަނެއްކާވެސް ޝަހީމް ވިދާޅުވީ، އެ ހަރަދުކުރަންޖެހޭ ފަރާތްތަކާ އެެއްވެސް ޒާތީކަމެއް ނެތް ކަމަށެވެ. ނަމަވެސް އެއީ ދިވެހި ރައްޔިތުންގެ ފައިސާ ކަމަށާއި އެއީ ޓެކްސް ފައިސާ ކަމަށްވެސް ވިދާޅުވިއެވެ.
ދެން އަނެއްކާވެސް ނިޒާމީ މައްސަލަ ނެންގެވީ ބޮންޑޭއެވެ. ޝަހީމަށް އޭނާ ވިދާޅުވީ، "ލަދުހަޔާތް ކެނޑުނީމަ، މީހަކާ އެއްކޮށް ރޯ ބަރަހަނާގައި އޮރިޔާމުން އޮވެ އެއްފަރާތުގައި އަންހެނެއް، އަނެއްފަރާތުގައި ފިރިހެނެއް،"
އެހިސާބުން، ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ، ބޮންޑޭގެ ވާހަކަ ހުއްޓުވުމަށްފަހު ޝަހީމް ވާހަކަދައްކަވަން ފުރުސަތު ދެއްވިއެވެ.
ޝަހީމް މިިފަހަރު ވިދާޅުވީ، އޭނާ ދައްކަނީ ދިވެހި ރައްޔިތުންގެ ފައިސާގެ ވާހަކަ ކަމަށާއި އެގޮތަށް ރައްޔިތުންގެ ފައިސާ ހަރަދުކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ. އަދި "މިއީ ކުޑަކުޑަ ގައުމެއް، ވަރަށް ކުޑަ ބަޖެޓެއް، 55 ވަރަކަށް މިލިއަން ރުފިޔާ ދިވެހިރާއްޖޭގެ ދެ އަހަރާބައި ވެރިކަންކުރައްވާފައި، ފައިބާ ވަޑައިގެން ހުންނެވި ބޭފުޅެއްގެ އިސްތަށިފުޅަށް ހަރަދުކުރެވިގެން ދިއުމަކީ މިއީ އަޅުގަނޑުމެން ފަދަ ކުޑަ ބަޖެޓެއް އޮންނަ ގައުމަކަށް އެކަށީގެންވާ ކަމެއް ނޫން، މިއީ ރީސްޓްރަކްޗާ ކުރަން ވިސްނަންޖެހޭ ކަމެއް އަޅުގަނޑުމެން ރިވައިސް ކުރަންޖެހޭ ކަމެއް،" ކަމަށެވެ.
އެހިސާބުން އަނެއްކާ އިންތި ނިޒާމީ ނުކުތާ ނެންގެވިއެވެ.
ވިދާޅުވީ، ދައުލަތުގެ ވެރިންނަށް ކުރާ ހަރަދުތަކާއި ކުރާ ވައްކަންތަކާ ހުރިހާކަމެއް އޮތް އިރު، މަޖިލިސް ރައީސް އަވަހާރަކޮށްލަން ހަމަލާދިނީ މި ސަރުކާރުގައި ކަމަށާއި އެހެންކަމުން އެ ހަމަލާއިން އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދައިދީ، ރައްކާތެރިކަން ދިނުމަކީ ދައުލަތަށް ވާޖިބުވާކަމެއް ކަމަށެވެ. އަދި "ދައުލަތަށް ވާޖިބުކަމެއް ކުރާތީވެ ކަންބޮޑުވަނީ، އަނެއްކާވެސް އެމަނިކުފާނު އަވަހާރަކޮށްލަން ހަމަލާ ދިނުމަށް ހިތްވަރުދިނުމަށް، މި މަޖިލީހުގައި އެ ވާހަކައެއް ނުދެއްކޭނެ، މިއީ ތަހުގީގު ކުރެވެން ވެސް ޖެހޭނެކަމެެއް،" ކަމަށެވެ.
ޝަހީމް ވިދާޅުވީ، ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ވިސްނުން އެގޮތަށް ހުރުމަކީ ސިކުނޑީގައި ހުރި އުނިކަމެއްގެ ސަބަބުން ވާކެމެއް ކަމަށެވެ.