ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން 2021 ވަނަ އަހަރުގެ މެއި ހައެއްގައި ދިން ހަމަލާގެ ތަހުގީގަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުރަސް އެޅުއްވި ކަމަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ހުސެއިން އަނބުރާ ގެންދަވައިފިއެވެ.

އެ މައްސަލައާ ބެހޭގޮތުން އިމްތިޔާޒު ކޮމިޓީން އެންމެ ފަހުން، މިދިޔަ ފެބްރުއަރީ މަހުގެ 19 ގައި ބޭއްވި ޖަލްސާގައި ވަނީ އެ މައްސަަލަ ކުރިއަށްގެންދަން ބޭނުންވޭތޯ، ބަލަން ނިންމައިފައެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، އެ މައްސަލައާ ބެހޭގޮތުން ކޮމިޓީގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ހުށަހެޅުއްވި މެންބަރު ޝަހީމް ވަނީ އެ މައްސަލަ އަނބުރާ ގެންދެވުމަށް އެއްބަސްވެވަޑައިގަންނަވާފައި ކަމަށާއި އެ ކަމާބެހޭ ސިޓީ ސެކްރެޓޭރިއެޓަށް ލިބިފައިވާ ކަމަށްވެސް ރާއީ ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި ފައިލް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު، އަނދުން ހުސެއިނަށް ކުރެއްވި ތުހުމަތުތަކާ ގުޅިގެން ސަލާމަތީ ގޮތުން އޭނާއަށް ނުރައްކާވާނެތީ އާއި އެ ތުހުމަތުތަކުގެ ސަބަބުން އޭނާގެ ހައްގުތަކާއި އަބުރަށް އުނިކަން އަންނާތީ އެ މައްސަލަ ބަލައިދިނުމަށް އެދި އަނދުން ހުސެއިންގެ ފަރާތުން ކޮމިޓީއަށް އެ މައްސަލަ ހުށަހެޅީ މެއި 17 2022 ވަނަ ދުވަހުއެވެ.