ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން 2021 ވަނަ އަހަރުގެ މެއި ހައެއްގައި ދިން ހަމަލާގެ ތަހުގީގަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުރަސް އެޅުއްވި ކަމަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ހުށަހެޅި މައްސަލަ ކުރިއަށްގެންދަން ބޭނުންވޭތޯ، ބަލަން އެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ރައީސް ނަޝީދު އަނދުން ހުސެއިނަށް ކުރެއްވި ތުހުމަތުތަކާ ގުޅިގެން ސަލާމަތީ ގޮތުން އޭނާއަށް ނުރައްކާވާނެތީ އާއި، އެ ތުހުމަތުތަކުގެ ސަބަބުން އޭނާގެ ހައްގުތަކާއި އަބުރަށް އުނިކަން އަންނާތީ އެ މައްސަލަ ބަލައިދިނުމަށް އެދި އަނދުން ހުސެއިންގެ ފަރާތުން ކޮމިޓީއަށް އެ މައްސަލަ ހުށަހެޅީ މެއި 17 2022 ވަނަ ދުވަހުއެވެ.
އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ މައްސަލައަކީ ކުރިއަަށްނުގޮސް ގިނަ ދުވަސްތަކެއް ވަންދެން ކޮމިޓީގައި އޮތް މައްސަލައަކަށްވާތީ އެކަމަށް ގޮތެއް ކަނޑައެޅުމަށް ކޮމިޓީ މުގައްރިރު މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ފުރުސަތު ހުޅުވައިލެއްވިއެވެ.
އެކަމާ ގުޅިގެން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވީ، ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވެފައިވާ އިރު، އެ މައްސަލަ ހުށަހެޅި ހާލަތުވެސް މިހާރު ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ކުރިއަށް ގެންދޭތޯ، އެ މައްސަލަ ހުށަހެޅުއްވި މެންބަރާ ވާހަކަދެއްކުމަށްފަހު އެކަމަށް ކޮމިޓީން ގޮތެއް ނިންމުމަށްވެސް އޭނާ ހުށަހެޅުއްވިއެވެ.
ވިސާމްގެ އެ ހުށަހެޅުމަށް ތާއީދު ކުރައްވައި މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫނު ވިދާޅުވީ، މައްސަލަ ހުށަހެޅިތާ ދެ އަހަރު ވެފައިވާ އިރު، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މެންބަރާ މަޝްވަރާ ކުރަންޖެހޭ ކަމަށެވެ.
އެ ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު