ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަަޅުތަކުން ހޮޓާ، ރެސްޓޯރެންޓް، ކެފޭ، ފަދަ ކާބޯތަކެތި ވިއްކާ ތަންތަނަށް ލިބޭ ގެއްލުން ކުޑަކޮށް އެ ފަރާތްތަކަށް، އެކަށީގެންވާ ބަދަލަކާއެކު ލުއި ދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މަޖިލީހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހަޅުއްވަމުން މެންބަރު ސަލީމް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަޅާ ފިޔަވަޅުތަކުގެ މުއްދަތު އިތުރު ކުރަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް ގްރޭޓާ މާލޭ ސަރަހައްދުގައި ހިންގާ ހޮޓާ ކެފޭ އަދި ރެސްޓޯރެންޓް ފަދަ ތަންތަނަށް މާލީ ގޮތުން ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެ ވިޔަފާރިތައް މުޅިން ބަނގުރޫޓު ވެ އަލުން ނަގައި ކޮޅަށް ޖެހުމުގެ އުއްމީދުވެސް ކުޑަވަމުންދާ ކަމަށެވެ. އަދި އެ ވިޔަފާރިތަކުގައި އުޅޭ ފަރާތްތަކުން ހުއްޓުމެެއްނެތި އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުން ގެންދާތީ އެ ހިދުމަތްދޭ ފަރާތްތަކަށް ކުރިމަތިވެފައިވާ ތަކުލީފުތަކަށް ލުޔެއް ހޯދައި ދިނުމަށް ސަރުކާރަށް ގޮވާލައި މި މައްސަލަ ހުށަހެޅުއްވީ ކަމަށެވެ.

ކޮވިޑަކީ ނުރައްކާތެރި ބައްޔެއް ކަމަށާއި އެއީ ވަރަށް ކަންބޮޑުވާން ޖެހޭ ވަބާއެއް ކަމަށާއި އެއިން ރައްކާތެރި ވުމަށް ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ވެސް މެންބަރު ސަލީމް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި އެޅި ފިޔަވަޅު ތަކަކީ އެކަމުގެ ހެޔޮ ނަތީޖާ ލިބިގެންދިޔަ އެހިނދަށް ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑްގެ މި ވަބާއަށް އަހަރަކަށްވުރެ ގިނަދުވަސް ފާއިތުވެފައިވެގެން ދިއުމާއެކު މިއީ ކުއްލި ނުރައްކަލެއްގެ ގޮތުގައި ބަލައިގަނެ، އިމަޖެންސީ ދަމަހައްޓައި، ގިނަ ބަޔަކު އެކަމުގެ މައްޗަށް ދިރިއުޅުން ބަރޯސާ ކޮށްގެން ތިބި ވިޔަފާރިތައް ބަނގުރޫޓު ވާން ދޫކޮށްލަން ތިބެން ޖެހޭނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ކުއްލި ނުރައްކަލަކަށް ވާނީ ކުއްލިއަކަށް ކުރިމަތިވާ ނުރައްކަލަކަށް ކަމަށާއި އެކަމުގެ ތެރޭގައި ގިނަދުވަސްތަކެއް ފާއިތުވެ އެކަމަށް ހޭނި ރައްކާތެރި ވުމަށްޓަކައި ކުރުން ލާޒިމު ކަންކަން މީސްތަކުންނަށް މޭރުން ވެ އެކަންކަމަށް ފަރިތަ ވުމުން އެއީ ކުއްލި ނުރައްކާތެރި ހާލަތު ކަމަށް ދެކޭނެ ގާނޫނީ އަދި ބުއްދީގެ ހަމައެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަަޅުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެ ވިޔަފާރިތައް ބަންދުކުރަން ޖެހުނު ވަގުތުތަކަށް ލިބުނު ގެއްލުމަށް އެކަށީގެންވާ ބަދަލެއް ސަރުކާރުން ދިނުމާއި ސަރުކާރުން ކުއްޔަށް ދީފައިވާ ތަންތަނުގެ ކުލި ލުއިކޮށްދިނުމަށާއި އެކަށީގެންވާ މުއްދަތަކަށް އެފަދަ ތަންތަނުގެ ފެނާއި ކަރަންޓު ކަނޑާ ނުލުމަށާއި، ޖީއެސްޓީ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައި އެހެން ވިޔަފާރިތަކާ ތަފާތު ނުކޮށް އެހެން ވިޔަފާރިތަކަށް ދޭ ގަޑިތައް ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ދިނުމަށް މި ގަރާރުގައި ވަނީ ގޮވާލައިފައެވެ.