ރާއްޖޭގައި މިވަގުތު ހުރީ ސިނޯފާމްގެ 18،000 ޑޯޒް ކަމަށާއި ޗައިނާއިން ހަދިޔާކުރާ ދެ ލައްކަ ޑޯޒް ވަރަށް އަވަހަށް ލިބޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ މިވަގުތު ރާއްޖޭގައި ހުރި ސިނޯފާމް ވެކްސިންގެ ޑޯޒް ޖެހުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަތުގައި މިވަގުތު 18،000 ޑޯޒް އެބަހުރި. އެ ވެކްސިން ޖެހުމުގެ މަސައްކަތް އަޅުގަނޑުމެން މިފަށަނީ. އަދި ޗައިނާގެ ދެ ލައްކަ ޑޯޒް ވަރަށް އަވަހަށް ލިބޭނެ. އެ ޑޯޒްތައް ލިބުނުހާ އަވަހަކަށް އެ ޑޯޒްތައް ޖެހުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" އޭނާ ވިދާޅުވިއެވެ.

ޗައިނާގައި އުފައްދާ ސިނޯފާމް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ޖަރުމަންވިލާތުގައި އުފައްދާ ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ވެސް އެ ދުވަހު ވަނީ ދީފައެވެ.

މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ 18 އަހަރުންމަތީގެ މީހުންނަށް ސިނޯފާމް ވެކްސިން ދިނުމުގެ މަސައްކަތް، މާލޭ ސަރަހައްދުގައި ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.