ޚަބަރު

ކުޑަހުވަދޫން ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 115 މީހުން

ދ. ކުޑަހުވަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލް ޕްރިޕެއާޑްނަސްގެ ފަރާތުން އަބްދުﷲ މައުރޫފް ވިދާޅުވީ އެ ރަށުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 155 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.

"ދ. ކުޑަހުވަދޫގައި އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ 22 ފަރާތެއް މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 155 ފަރާތެއް އަޅުގަނޑުމެންނަށް ފާހަގަވޭ. އަދި އެ ރަށުން މިވަގުތު 427 ސާމްޕަލެއް ވާނީ ނެގިފައި،" އޭނާ ވިދާޅުވިއެވެ.

ކުޑަހުވަދޫން ބަޔަކު ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. އެ ރަށުގެ ދ. އެއާޕޯޓުގައި މަސައްކަތްކުރާ ހަ މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ދުވަހު އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކުޑަހުވަދޫގައި ބަލިފެތުރުމާ ގުޅިގެން، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެ ރަށުން ފުރި މީހުން އަންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެދިފައެވެ. އަދި އެ މުއްދަތުގައި ކުޑަހުވަދޫއަށް ދަތުރުކޮށް 14 ދުވަސް ހަމަ ނުވާ މީހުން، ޓެސްޓު ކުރުމަށްފަހު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.

އެ ކްލަސްޓާއާ ގުޅިގެން މިއަދު ދ. މީދޫން ވެސް ވަނީ މީހަކު ޕޮޒިޓިވްވެފައެވެ. އެ ކޭސްއާ ގުޅިގެން އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.