އައްސޭރި ޖަލުގައި ތިބި އަހުލާގު ރަނގަޅަށް އުޅޭ މީހުންނާއި، ކުށްކުރުން މަދު މީހުން ފާހަގަކޮށް، އެފަދަ މީހުންނަށް މައާފު ދިނުމުގެ ހާއްސަ އުސޫލެއްގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ފަރާތްތަކުގެ އަދަބު މައާފުކޮށްދިނުމަށް އިލްތިމާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ފާސްކޮށްފިއެވެ.

އައްސޭރި ޖަލުގައި ބަންދު ކުރެވޭ ގައިދީން މަދު ކުރުމުގެ ގޮތުން، އެ ކޮމިޓީން މިގޮތަށް ފާސްކުރީ، އައްސޭރި ޖަލުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ޕެޓިޝަން ދިރާސާ ކުރުމަށް ފަހު ޕެޓިޝަން ކޮމެޓީން ނިންމާފައިވާ ނިންމުންތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓުގައެވެ.

އެ ރިޕޯޓިގައި 13 ކަމެއް ކުރުމަށް މަޖިލީހަށް ވަނީ ހުށަހަޅައިގައެވެ.

އެގޮތުން ކުށްކުރާ ފަރާތްތަކަކީ ޖަލުގައި ބަންދު ކުރެވި މުޖުތަމައުން އެކަހެރި ކުރެވޭ ބަޔަކަށް ހެދުމުގެ ބަދަލުގައި "ނަން ކަސްޑޯޑިއަލް ސެންޓެންސް" ގެ ދަށުން ކުދި ކުށްކުރާ މީހުން މުޖުތަމައަށް ބޭނުންތެރި ހިދުމަތެއް ކުރުމަށްފަހު އެ ކުރި ކުށަށް މައާފު ލިބޭނެ ނިޒާމެއް ގާއިމު ކުރުމަށައި، އަދި މިކަމަށް މަގުފަހި ކުރުމަށްޓަކައި، ކަމާ ގުޅޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ވަނީ ހުށަހަޅައިފައެވެ.

ޖަލު ތަކުން މަސްތުވާތަކެއްްޗާއި، މަސްތު ވުމަށް ބޭނުންކުރާ ބޭހާއި ދުންފަތުގެ ބާވަތްތައް ފަސޭހަކަމާ އެކީގައި ލިބުމާއި ބޭސް ސިޓީއެއް ނެތި ގައިދީންނަށް ބައެއް ބޭސް ދެމުންދާކަމީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ބުނެ، މިފަދަ ކަންކަން ކުރިމަގުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޒިންމާދާރުކަމާއެކީ ޖަލުތައް މޮނިޓާ ކުރުން މުހިއްމު ކަމަށްވެސް ވަނީ ހިމަނައިފައެވެ.

ގައިދީންނަށް ހައްގުވާ ކްލެމެންސީ ދިނުމުގައި ގިނަ ދުވަސްތަކެއް ވުމާއި އަދި ކްލެމެންސީ ބޯޑުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ވީ އެންމެ އަވަހަކަށް ގެނައުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ގައިދީންނަށް ހައްގުވާ ޕެރޯލް ދިނުމުގައި ގިނަ ދުވަސްތަކެއް ވުމާއި އަދި ޕެރޯލް ބޯޑޫގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ވީ އެންމެ އަވަހަކަށް އިސްލާހު ގެނައުމަށްވެސް ހުށަހަޅާފައިވެއެވެ.