ދިވެހި ސިފައިން ނުކުމެ، ސިފައިންގެ ވެރިޔާ އާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހިފައި ހައްޔަރު ކުރާ ހިސާބަށް ނުދަނީސް، އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ހާމަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ގޮވާލައްވައިފިއެވެ.
އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ ބެހޭގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަ ދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު ހުސެއިން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން، ތޯރިގު ވިދާޅުވީ، އެމްޑީޕީ މެންބަރުންގެ މަގުސަދަކީ ހަގީގަތް އޮޅުވާލައި ކުރީގެ ސަރުކާރު ތަކުގެ ބޮލުގައި އެކަން އެޅުވުން ކަމަށެވެ.
ތޯރިގު ވިދާޅުވީ ދިވެހި އަސްކަރިއްޔާ އަކީ އިހުތިރާމު ކުރާ، އަދި ގައުމަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވުމަށް ވެސް ތައްޔާރަށް ތިއްބެވި ބައެއް ކަމަށެވެ.
ދިވެހި އަސްކަރިއްޔާގެ ޖެނެރަލުންނާއި އަސްކަރިއްޔާގައި ތިބި ހުރިހާ ސިފައިންނަކީ މި ގައުމު ހިމާޔަތްކުރުމަށްޓަކައި މި ފަސްގަނޑު ހިމާޔަތް ކުރުމަށްޓަކައި ހުވައި ކޮށްގެން ތިބި ބައެއް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އުތުރު ތިލަފަޅާ ބެހޭ ގޮތުން ތިލަވެގެން އުޅޭ އެއްބަސްވުމަކީ ހަގީގަތަކަށް ވާނަމަ، އެ އެއްބަސްވުމުގައި ހުރި އެހެރަ މާއްދާ ތަކަކީ ގާނޫނުސާސީއާ ހިލާފަށް ހުރި ކަންތައްތަކެއް ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ވެރިން އެ އަސްކަރިއްޔާގައި ތިއްބެވި އެހެން ބޭފުޅުންނަށް ސިއްރުން އެއްބަސްވުމެއް ހަދައިފައި ބާއްވަން ނުޖެހޭ ކަމަށެވެ. އެ އެއްބަސްވުމަކީ މަޖިލިސް މެންބަރުންނަށް އެނގެން ޖެހޭ އެއްޗެއް ނޫން ކަމަށް ވަންޏާ އަސްކަރިއްޔާގައި ތިބޭ މީހުންނަށް އެއްބަސްވުގައިވާ ކަންތައްތައް އެނގެން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނާ، ލީކުވެފައިވާ އެގްރީމެންޓްގައި ވާގޮތަށް އެ ޕްރޮޖެކްޓްގެ އެއްބަސްވުން އޮތްނަމަ އެއީ ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތަށް ގެއްލުންވާ އަދި ގާނޫނުއަސާސީއާ ހިލާފު އެއްބަސްވުމަކަށް ވާނެ ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.
އެހެންކަމުން އެ އެއްބަސްވުން ހާމަ ނުކޮށްފި ނަމަ ދިވެހި ސިފައިން ނިކުމެ ސިފައިންގެ ވެރިން ހައްޔަރުކުރާ ހިސާބަށް ހިނގައިދާނެ ކަމަށް ތޯރިގު ވިދާޅުވީ، އަދި ސިފައިން ނިކުމެ، ސިފައިންގެ ވެރިޔާ އާއި، ޑިފެންސް މިނިސްޓަރު ހައްޔަރު ކުރުމުގެ ކުރިން އެ އެއްބަސްވުން މަޖިލީހާ ހިއްސާ ކުރަން، ނުވަތަ އާއްމު ރައްޔިތުންނާ ހިއްސާ ކުރުމަށް ތޯރިގު ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.
މަޖިލިސް މެންބަރު، އަހުމަދު ތޯރިގް
މަޖިލިސް މެންބަރު، އަހުމަދު ތޯރިގް
މަޖިލިސް މެންބަރު، އަހުމަދު ތޯރިގް
މަޖިލިސް މެންބަރު، އަހުމަދު ތޯރިގް