Close
ޚަބަރު

އިޖުތިމާއީ ގައިދުރުކަމާއެކު ހެދޭ ފަރުޟު ނަމާދުގެ ޖަމާއަތާއި ހުކުރުނަމާދުގެ ޖަމާއަތް ސައްހަވާނެ: ފަތުވާ މަޖިލިސް

ރިފާ ހަލީލު

އިޖުތިމާއީ ގައިދުރުކަމާއެކު ހެދޭ ފަރުޟު ނަމާދުގެ ޖަމާއަތާއި ހުކުރުނަމާދުގެ ޖަމާއަތް ސައްހަ ވާނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް އިން ބުނެފި އެވެ.

ފަތުވާ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ފަދަ ބޮޑު ބަލިމަޑުކަމެއްގައި މިސްކިތްތަކުގައި ގައިދުރުކޮށް ސަފު ހަދައިގެން ޖަމާއަތުގެ ނަމާދުކުރުމީ ކީރިތި ގުރުއާނާއި ހަދީޘްތަކާއި އިލްމުވެރިންގެ ބަސްފުޅުތަކުން ސައްހަ ކަމަށް ދަލީލު ލިބޭ ކަމެއް ކަމަށެވެ. އަދި މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގެ ފަތުވާދޭ މަޖިލީސްތަކުން މިހާލަތާއި ގުޅުވައިގެން ހުއްދަ ކަމެއްކަމެއްގެ ގޮތުގައި ފަތުވާތައް ނެރެފައިވާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ސިއްހީ ގޮތުން ލާޒިމުކުރާ އިޖުރާއަތްތަކަށް ތަބާވުން ވާޖިބުކަމަކަށް ވީހިނދު އެކަމަކީ އުމުރުގެ ގޮތުން ވިޔަސް، ފަރުދުންގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅިފައިވާ ކަމަކަށް ވިޔަސް، އަދި ނަމާދު ކުރާ މީހުންގެ ސިއްހީ ހާލަތާ ގުޅިފައިވާ ކަމަކަށްވިޔަސް، އަދި މިސްކިތަށް ވަނުމުގެ ކުރިން އަދާކުރަން ޖެހޭ ކަމަކަށް ވިޔަސް، އިތުބާރު ހުރި ސިއްހީ މާހިރުން މިކަމަށް ދޭ އިރުޝާދަށް ބޯލެނބުމަކީ ދީނީގޮތުން ވާޖިބުކަމެއް ކަމެއް." އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މި ބަޔާނުގައި ބުނެފައިވަނީ މިހާލަތުގައި ޖމާއަތުގައި ނަމާދު ކުރާ މީހުންނާއި ހުކުރު ނަމާދު ކުރާ މީހުން ސަފު ހަދާއިރު ގައިދުރު ކަމާއެކު ސަފުތައް ހަދައި ނަމާދު ކުރެވޭނެ ކަމަށް ޖުމްހޫރީ އިލްމުވެރިން ދެކެވަޑައިގަންނަވާ ކަމަށާއި އެހެން ކަމުން މި އުސޫލުގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ހުރިހާ އިސްލާމީ ގައުމެއްގައިވެސް އަމަލު ކުރަމުން އަންނަނީ މިއަދު މިގޮތަށް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ބަޔާނުގައި ބުނެފައިވަނީ އިތުބާރު ހުރި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާ ހިލާފަށް ތަންތަނަށް ޖަމާވެ ހެދުމަކީ އެމީހަކު ފާފަވެރިވާނެ ކަމެއް ކަމަށާއި އަދި މިގޮތަށް އެމީހަކު އެކުރި ކަމެއްގެ ފަރުދީ ޒިންމާ އެމީހާ އުފުލަން ޖެހޭނެ ކަމަށެވެ.