އެންމެ ރަނގަޅު ގޮތަކީ އެވަގުތަކު ލިބެން ހުރި ވެކްސިނެއް އަވަހަށް ޖެހުން ކަމަށާއި ޑަބްލިޔުއެޗްއޯއިން ވެސް ލަފާ ދޭ ގޮތަކީ އެއީ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ސިނޯފާމް އަދި ފައިޒާ ވެކްސިނެއް ޖެހުމުގެ ހުއްދަ ދިން ކަން އިއުލާނު ކުރުމަށް އެޗްއީއޯސީގައި މިއަދު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި 'ވަން' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ވަކި ވެކްސިނެއް ލިބެން ދެން މަޑު ނުކޮށް އެވަގުތަކު ލިބެން ހުރި ވެކްސިނެއް ޖެހުމަށް ޑަބްލިއުއެޗްއޯ އިން އިރުޝާދު ދީފައިވާ ކަމަށެވެ.

"އެންމެ ރަނގަޅު ގޮތަކީ އަދި ޑަބްލިއުއެޗްއޯއިން މިކަމާ ގުޅޭ މާހިރުން ވެސް ވިދާޅުވާ ގޮތަކީ އެވަގުތަކު އެވޭލަބްލް ވެކްސިނެއް ޖެހުމޭ މީގެ އެންމެ ރަނގަޅު ގޮތަކީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ވެކްސިންތަކުގެ ޓްރަޔަލް ގައި އެކި ވެކްސިން ޖެހުމުން ކުރިމަތިވާ ސައިޑް އިފެކްޓްސްތައް ތަފާތުކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ، އެ މީހަކު ބޭނުންވާ ވެކްސިނެއް އިހުތިޔާރު ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ހުރިހާ ގައުމުތަކެއްގައި ވެސް އެ ގައުމުގެ ރައްޔިތުން ވީހާ ވެސް އަވަހަކަށް ކޮވިޑް ވެކްސިން ޖަހަން ބޭނުންވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އެހެން ނަމަވެސް ދުނިޔޭގެ އެންމެނަށް ބޭނުން ވާ ވަރަށް ވެކްސިން އުފެއްދުމުގެ ގާބިލުކަން އެ އުފައްދާ ފަރާތްތަކަށް އަދި ލިބިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމަ ވަރަށް ބޮޑު ކޮމްޕެޓިޝަނެއް މިއޮތީ ގައުމު ތަކުގެ މެދުގައި ވެކްސިން ހޯދުމުގެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ވެކްސިން ޖެހުމުގެ މުހިންމުކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިން ޖެހުމުން އެ ޖަހާ މީހާއަށް ރައްކާތެރިކަން ލިބުމުގެ އިތުރުން އޭނާގެ ފަރާތުން ދެން ތިބޭ މީހުނަށް އެ ބަލި ޖެހުމުގެ ފުރުސަތު ވެސް ކުޑަވެގެން ދާނެ ކަމަށެވެ. އަދި ބަލި ފެތުރުމުގެ ފުރުސަތު ހަނި ވުމުން އޭގެ ފައިދާ މުޅި މުޖުތަމައަށް ކުރާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.