ކުއްލި ޚަބަރު

ފައިޒާ ވެކްސިން ރައްކާކޮށް ބެލެހެއްޓުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރި: ޑރ. ނަޒްލާ

ފައިޒާ ވެކްސިން ރައްކާކޮށް ބެލެހެއްޓުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ފައިޒާ އާއި ސިނޯފާމް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދިންކަން އިއުލާނު ކުރުމަށް މިއަދު މެންދުރު އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މައިނަސް 70 ޑިގްރީގައި ބަހައްޓަން ޖެހޭ ފައިޒާ ވެކްސިން ސްޓޯކުރުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށެވެ.

އެގޮތުން ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް 5800 އަށް ވުރެ ގިނަ ޑޯޒް ފައިޒާ ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

"އެގޮތަށް އެލޮކޭޓް އެ ކުރެވެނީ އަޅުގަނޑުމެންގެ ފަރާތުން ރާއްޖޭގައި ހުރި ސްޓޯރޭޖް ސިސްޓަމްތަކާއި ރާއްޖޭގެ ޑިސްޓުރިބިއުޝަން ޕްލޭންއާ ނެޝަނަލް ވެކްސިނޭޝަން ޑިޕްލޮޕްމެންޓް ޕްލޭނެއް ކޮންމެ ގައުމަކުން ވެސް ތައްޔާރު ކުރާނެ. މި ޕްލޭން ހުށަހަޅާފައި އެކޮޅުން އެ ރިވިއު ކުރުމަށްފަހު ރާއްޖޭގައި ވެކްސިން ހޭންޑްލް ކުރެވޭނެ ކަމުގެ ކެޕޭސިޓީ ހުރިކަން ޔަގީންވީމަ އެލޮކޭޝަން ހެދެނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް، ފައިޒާ ވެކްސިން ރައްކާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ. އަދި ނޯމްލަ ފްރިޖް ޓެމްޕަރޭޗަރގައި ބެހެއްޓުމަށް ފަސް ދުވަސް ލިބޭ އިރު، އެކި ރަށް ތަކަށް ފޮނުވާނެ ޕްލޭނެއް ވެސް މިހާރު ވާނީ ތައްޔާރު ކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.