ކޮވިޑް 19 އާގުޅިގެން ނެރެފައިވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކުގެ ސަބަބުން ކެފޭ ރެސްޓޯރެންޓް އަދި އެފަދަ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިން ތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށާއި މާލެ ސަރަހައްދާއި ވަކިން ހާއްސަކޮށް، މާލޭގައި ވިޔަފާރުކުރާ އެތައް ފަރާތެއް ގޮތް ހުސްވެފައިވާ ކަމަށެވެ.

ކުދި ވިޔަފާރިތަކުގެ ގޮތުގައި ހަރަކާތްތެރިވާ ފިހާރަތަކުގެ އިތުރަށް ޓެކްސީ، ޕިކަޕް، އަދި އެއްގަމު ދަތުރު ފަތުރުގެ ހިދުމަތްދޭ ފަރާތްތަކާއި ކަނޑު ދަތުރު ފަތުރުގެ ހިދުމަތްދޭ ފަރާތްތަކާއި މުދާ އުފުލާ ފަރާތްތަކުގެ އިތުރަށް އެއްތަނުން އަނެއްތަނަށް މުދާ ގެންދިއުމުގައި ހިދުމަތްދޭ ފަރާތްތަކާއި، މަޖޫރީންގެ ހިދުމަތްތަކާއި އެ ހިދުމަތްތަކާ ގުޅިފައިވާ އެތައް ވިޔަފާރިއެއް ހީނަރުވެ ނެތެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، މި ދަނޑިވަޅުގައި އެންމެ މުހިއްމު ކަންތައްތަކުގެ ތެރެއިން އެއްކަމަކީ، ދިރިތިބީންގެ ސިއްހީ ކަންތައްތައް ކަމަށެވެ.

އެ ސަބަބަށްޓަކައި ހަތަރު ބިލިޔަން ރުފިޔާ ޕްރިންޓް ކުރުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައިވާ ކަމަށާއި، ކޮވިޑް 19ގެ ނަމުގައި ހަރަދު ކުރި ތިން ބިލިޔަން ރުފިޔާއާއެކު ސަރުކާރުން ހަތް ބިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށާއި، ބޭރުގެ އެހީގެ ގޮތުގައި 950 މިލިޔަނެއްހާ ޑޮލަރު ދައުލަތަށް ލިބުނުއިރު އެކަމުން އެދެވޭ ނަތީޖާއެއް ހޯދައި ދެވިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެހާ ފައިސާ ޕްރިންޓު ކުރުމުގެ ހުއްދަ ސަރުކާރަށް ދިނީ، ސަރުކާރުގެ ރިކަރަންޓްގެ ހަރަދު ބޮޑު ކުރަން ނޫން ކަމަށެވެ.

"އެހާ ބޮޑު ހޭދައެއް ކުރަން ހުއްދަ ދިނީ ދެކޮޅު ނުޖެހޭ ސިޔާސަތުތައް އެޗްޕީއޭއިން ހަދައި ރައްޔިތުން ތަޅު އަޅުވަން ގޭބަންދުގެ ހާލަތެއްގައި މިހާ ގިނަ ދުވަހު ބޭއިތިއްބުމަކަށް ނޫން، ވަކި ގަޑިތަކެއްގައި މީހުންނަށް ގެއަށް ވަންނަން މަޖުބޫރުކޮށް ސިފައިންނާއި ފުލުހުން ނެރެގެން މަގުމަތީގައި ތިބޭ މިހުން ގެއަށް ވައްދަމުން ހިނގީމަ ވިޔަފާރިތަކާއި ކެފޭ ރެސްޓޯރެންޓް ސައިހޮޓާތައް ވަކި ހިސާބުން ތަޅުލީމަ މި ގައުމުގެ އިގްތިސޯދު ނިދަނީ،" ސައީދު ވިދާޅުވިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށްފަހު ވަނީ ބަހުސް ފަށައިފަ އެވެ.