މިދިޔަ 2025 އަހަރުގެ މަސްވެރިންގެ ދުވަހު، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭޔޫ) އިން ބޭއްވި މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީީޕީ މެމްބަރު މައުރޫފް ޒާކިރު ހައްޔަރު ކުރުމުގައި އެ މެންބަރުގެ އިމްތިޔާޒަށް ފުލުހުން އަރައިގެންފައި ނުވާ ކަމަށް ހިމަނައި، އެ މައްސަލަ ބެލި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ރިޕޯޓް އެކުލަވާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ކޮމިޓީން ނިންމައި އެކުލަވައިލި ކޮމިޓީ ރިޕޯޓްގައި ވަނީ، އެ ދުވަހު މަސްވެރިން ކުރަމުންދިޔަ މުޒާހަރާއެއްގެ ތެެރެއިން މެމްބަރު މައުރޫފު ޒާކިރު ހައްޔަރު ކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލު ކޮށްފައިވާ ގޮތުގެ ޓައިމްލައިންއަށާއި އަދި ކޮމިޓީން ހޯދި މައުލޫމާތުން އެނގެން ނެތް ކަމަށެވެ.

މި މައްސަލަކީ މެންބަރު ޒާކިރު އަމިއްލައަށް ކޮމިޓީއަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ޒާކިރު ވިދާޅުވެފައި ވަނީ، ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުންދިޔަ މުޒާހަރާގައި ބައިވެރިވީ ސުލްހަވެރި މުޒާހަރާއަކަށް ވާތީ ކަމަށެވެ.

ނަމަވެސް އެ މުޒާހަރާގެ ތެެރެއިން ފުލުހުން އޭނާ ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެކަމުގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް، އެކަމުގައި ބޭނުން ކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ބާރުގެ ބޭނުންކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މިއީ ކަނޑައެޅިގެން މަޖިލިސް މެންބަރުންގެ ކަރާމަތަށް އަރައިގަތުން ކަަމަށްވާތީ އެ މައްސަލަ ކޮމިޓީ ބަލައިދިނުމަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު ކޮމިޓީން ނިންމާފައި ވަނީ، އެ މެންބަރު ހައްޔަރު ކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައިވާ ގޮތުގެ ޓައިމްލައިނަށާއި ކޮމިޓީ މެންބަރުން ހޯދި މައުލޫމާތަށް ބަލާއިރު، އެކަމުގައި އެ މެންބަރުގެ އިމްތިޔާޒަށް އުނިކަމެއް އަންނާނެ ފަދަ އަމަލެއް ފުލުހުން ކޮށްފައިވާކަން، އެނގެން ނެތް ކަމަށެވެ.