ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދެވޭ މިންވަރަށް، މި ދައުލަތުގެ މުއްސަނދިކަމާއި ތަނަވަސްކަން އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އެ ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރެއިން، ސްޓެލްކޯ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެކުންފުނިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ފްލެޓް ދޫކޮށްފައި ވަނީ ގޯހުން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓާ ގުޅިގެން ވާހަކަފުޅު ދައްކަވަމުންވެ.

މަޖިލިސް ރައީސް ވިދާޅުވީ، ރާއްޖެއަށް އެންމެ މުހިއްމު ކަމަކީ އަދި ރާއްޖޭގެ އެންމެހައި ރައްޔިތުން އެދި ގޮވަނީ، ބޯހިޔާވަހިކަމަށް ކަން އެއީ ކަށަވަރުވާ ކަމެއް ކަމަށެވެ.

އެ ކަމަށް ހައްލެއް ހޯދައިދެވެން ޖެހޭނެ ކަމަށާއި، މި ދައުލަތަށް އަދި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެންމެހާ މުއައްސަސާތައް އެކުވެގެން އެކަން ކޮށްދެވެން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަށް ބޭނުންވާ ވަސީލަތްތަކާއި މުއްސަނދި ކަމާއި ތަނަވަސްކަން މި ދައުލަތުގައި އެބަހުރި ކަމަށާއި، ހިންގުމުގެ ހަރުދަނާ ކަމާއި ނިޒާމު ތަކުގެ ފުރިހަމަކަންވެސް މުޅި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭ މިންވަރަށް އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.

"މި ދައުލަތުގެ ވަސީލަތްތަކާއި މުއްސަނދިކަމާއި، ތަނަވަސްކަން އެމިންވަރުގައި އެބަހުރި، އަދި އަޅުގަނޑުމެންގެ ތެރޭގައި ހިންގުމުގެ ހަރުދަނާ ކަމާއި ނިޒާމު ތަކުގެ ފުރިހަމަކަން ވެސް މިހާރު އެބަހުރި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ މިންވަރުގައި ދަރަޖައިގައިކަމަށް ހަމަކަށަވަރުންވެސް އަޅުގަނޑު ދެކެން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.