ޚަބަރު

މަޖިލިސް ކޮމެޓީ: އިލެކްޝަނުން އެދުނީ ލުއި ދޭން، އެޗްޕީއޭއިން ބުނަނީ އިސްކޮށްފައިވަނީ ރައްކާތެރިކަން ކަމަށް

މުއާވިޔަތު އަންވަރު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް އިލަކްޝަން ކޮމިޝަނުން އެދުނު ނަމަވެސް އެކަމާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެކޮޅު ކަމަށް ބުނެފި އެވެ.

ކައުންސިލު އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާސާތަކުގެ ކޮމެޓީން ވަނީ އިލްކްޝަން ކޮމިޝަނާއި އެޗްޕީއޭއާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި އިލްކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، މި ބަލިމަޑުކަމުގައި އިންތިހާބުތައް ބޭއްވި ހުރިހާ ގައުމަކުން ވެސް، އެ ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިން ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއިން އެ މަންޒަރު ނުފެންނަ ކަން ޝަރީފު ފާހަގަކުރެއްވި އެވެ.

އެކަމުގެ ސަބަބުން އިންތިހާބު ބޭއްވުމަށް ކުރާ ހަރަދުގެ ދެގުނަ ހަރަދު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ޝަރީފު ދެއްވި އެވެ. ސަބަބަކީ، ގާނޫނުގައި ބުނާ ގޮތަށް ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ނުދީ އިންތިހާބު ބޭއްވި ކަމަށް ބުނެ ކޯޓުން އަލުން އިންތިހާބު ބާއްވަން އަމުރެއް ނެރެފި ނަމަ އެ ހަރަދު ދެގުނަ ވެގެން ދިއުމެވެ.

ގާނޫނު ބުނާ ގޮތުން ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ދޭން ޖެހެއެވެ. އަދި އެންމެ މަދުވެގެން 28 ދުވަސް އެކަމަށް ދޭން ޖެހެއެވެ.

"އެ 28 ދުވަހުގެ ތެރޭގައި އާންމު ރައްޔިތުންނަށް ދެއްވާ އުސޫލަކުން ނޫން، އިންތިހާބަށް ހާއްސަ ގޮތްތަކެއް ތަނަވަސް ކޮށްދޭން އެބަ ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން، އިންތިހާބު ބޭއްވުމަށް މިހާރު އިއުލާންކޮށްފައިވާ މުއްދަތާ ދެމެދު އޮންނާނީ 28 ދުވަހެވެ.

އިލެކްޝަން ކޮމިޝަނުގެ ފަރާތުން އެ ކަންބޮޑުވުންތައް ފާޅުކުރި ނަމަވެސް އެޗްޕީއޭގެ ޑިރެކްޓަރު ޖެނަރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ، ގައިޑްލައިން އެކުލަވާލާފައިވާނީ ރައްކާތެރިކަން އިސްކުރުމަށްފަހު ކަމަށާއި ރޯގާގެ ހާލަތު އޮތީ ކޮންމެ ފަދަ ގަޑިއަކު ވެސް ބަދަލުވެދާނެ ފައްތަރެއްގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭ އަށް ލަފާ ދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، އެހެން ގައުމުތަކާ އަޅައި ބަލާއިރު ރާއްޖޭގެ ހާލަތު ތަފާތު ކަމަށެވެ. ރިސޯސްގެ ގޮތުންނާއި ހެލްތު ކެޕޭސިޓީއަށް ބެލި ނަމަވެސް ހަރުކަށި އުސޫލުތަކެއް ހިފަހައްޓަން ޖެހޭނެ ކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.

"ސްޕްރެޑް ހުއްޓުވުމަށްޓަކައި، ޕްރިވެންޓް ކުރުމަށްޓަކައި، އަޅުގަނޑުމެނަށް ކަރަންޓީނުގައި މިހާރު މި އޮތް އުސޫލުތަކަށް އިތުރަކަށް ލުޔެއް ދެވޭނެ ކަމަކަށް އަޅުގަނޑުމެނަކަށް ފާހަގައެއް ނުކުރެވޭ. ހިފަހައްޓަން ޖެހޭ އުސޫލުތަކެއް މި ކަރަންޓީނުގެ އުސޫލުތަކަކީ،" ޑރ. އަހްމަދު ޝަހީދު ވިދާޅުވި އެވެ.

އެޗްޕީއޭއިން ލުއި ތަކެއް ދިނުމަށް ދެކޮޅު ކަން ހާމަކޮށް ވާހަކަ ދެއްކުމުން އީސީގެ މެންބަރުންނެކޭ އެއްގޮތަށް އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ. އެއާ އެކު އެޗްޕީއޭގެ ގައިޑްލައިނަށް ލުއިތަކެއް ލިބިދާނެ ކަމުގެ އިޝާރާތެއް މައިމޫނާ ދެއްވި އެވެ.

"އަޅުގަނޑުމެން ވެސް އަޑުއަހައިފިން ހުރިހާ ބޭފުޅުން ރެއިސް ކުރެއްވި ކޮންސާން ތައް. އަޅުގަނޑުމެން ވެސް ހާއްސަ ގޮތްތަކެއް އިތުރަށް ބަލާނަން މިކަމުގައި ތި ހުށަހެޅުއްވި ގޮތްތަކަށް،" މެންބަރުންނާއި އީސީގެ ކަންބޮޑުވުންތަކަށް ފަހު، ކޮމެޓީ ނިންމާލުމުގެ ކުރިން މައިމޫނާ ވިދާޅުވި އެވެ.