ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ

ރަށަށް ބަދަލުވާ އާއިލާތަކުގައި ތިބި އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އެބަ މަސައްކަތްކުރަން: މިނިސްޓަރު

އިބްރާހިމް ޒަކީ

ކޮވިޑް 19 ގެ ސަބަބުން ދަތި ބޮޑުވެގެން އަމިއްލަ ރަށަށް ބަދުވާ އާއިލާތަކުގައި ތިބި އާމްދަނީ ހޯދުމަށް މަސައްކަތްކުރަން ބޭނުންވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން އަންނަ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ދެއްވި ހިތާބު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19 ގެ އެންމެ ބޮޑު އަސަރެއް ކުރި އެއްބަޔަކީ، ކުލި ދީގެން މާލޭގައި ވަޒަންވެރިވެގެން އުޅުނު އާއިލާތައް ކަމަށެވެ.

އެ އާއިލާ ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާ ބެހޭ ދާއިރާތަކުގެ ލަފަޔާ އެކު ހާއްސަ ފިޔަވަޅުތަކެއް އެޅުނު ކަމަށާއި، "އަހުލު"ގެ ނަމުގައި ފެށި ޕްރޮގްރާމްގެ ދަށުން، ރަށަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ އާއިލާތަކަށް އެފުރުސަތު ހުޅުވާލައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިކަމަށް ބަޖެޓް ލިބި އަމަލީ ގޮތުން މިމަސައްކަތް ވަނީ ފެށިފަ. މިޕްރޮގްރާމްގެ ދަށުން އަނބުރާ ރަށަށް ބަދަލުވާ އާއިލާތަކުގައި ތިބި އާމްދަނީއެއް ހޯދުމަށް މަސައްކަތެއް ކުރަން ބޭނުންވާ އަންހެނުންނަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، އަދި ވޯލްޑް ބޭންކް މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރޭވިފައިވާކަން މިފުރުސަތުގައި ދަންނަވާލަން. އަދި މިފަދަ ހާއްސަ ޕްރޮގްރާމްތަކުގެ ސަބަބުން މިންތީގެ ފަރަގު ކުޑަވެގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު، ނުވަތަ އާމްދަނީ ލިބޭނެ މަގު ހުއްޓުނު ފަރާތްތަކަށް އަމާޒުކޮށްގެން "އިންކަމް ސަޕޯޓް" ފޯރުކޮށް ދިނުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހިންގާ ހާއްސަ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 20768 މީހުންނަށް މާލީ އެހީ ފޯރުކޮށްދީފައިވާ އިރު އޭގެތެރެއިން 7467 އަކީ އަންހެނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ތަފާސް ހިސާބަށް ވިސްނާލައިފިނަ އަޅުގަނޑުމެންނަށް އެނގިގެންދާ އެއްކަމަކީ އަންހެނުންގެ އަދަދު މަދުކަން. އަދި މިކަމުގައި ޖެންޑަރ ޑިސްޕެރަޓީއެއް އޮތްކަން. ވަކިން ހާއްސަކޮށް ވަޒީފާގެ ބާޒާރަށް ނިކުންނަ އަންހެނުން މަދުކަން. މިގޮތުން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން 2019 ވަނަ އަހަރުގެ ހައުސިންގް އިންކަމް އެކްސްޕެންޑިޗަރ ސާވޭ އިން ދައްކާގޮތުން ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ލޭބަރ ފޯސް ޕާޓިސިޕޭޝަން ރޭޓް އަކީ 46 ޕަސެންޓު. މީ ރާއްޖޭގެ އެވްރެޖް 60 ޕަސެންޓަށް ވުރެ ދަށް އަދަދެއްކަން ފާހަގަކުރަން. އެހެންކަމުން އަންހެނުންނަށް އަމާޒުކޮށްގެން ތަމްރީންތައް ރާވައި، އަދި ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ޕްރޮގްރާމްތަކެއް ވޯލްޑް ބޭންކާއެކު ފަރުމާކުރެވެމުންދާކަން އަޅުގަނޑު ފާހަގަކޮށްލަން،" މިނިސްޓަރު ވިދާޅުވިއެވެ.

އާމްދަނީ ހޯދުމަށް ގޭގައި ނުވަތަ ހޯމްބޭސްޑްކޮށް ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެގޮތަށް ކުރާ މަސައްކަތްތަކުގައި ލިޔެކިޔުން ގެންގުޅުން މަދުވެފައި، އިންކަމް ސަޕޯޓަށް އެދުމުގައި އެދެވޭ މިންވަރަށް ސަޕޯޓިން ޑޮކިއުމަންޓް ލުމަށް އަންހެނުންނަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އެ ފަދަ ފަރާތްތަކަށް ރިއާޔަތްކޮށް، އިންކަމް ސަޕޯޓް ދިނުމުގައި ގެންގުޅޭ އުސޫލުގެ މިންގަނޑުތައް ލުއިކޮށް، އިތުރު ފަރާތްތައް ޕްރޮގްރާމްގައި ބައިވެރި ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.