އަންނަ އޭޕްރީލް މަހުގެ 10 ގައި ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ އެއްގޮތަށް ބާއްވަން ބޭނުންވާ 42.8 މިލިއަން ރުފިޔާ 29.8 މިލިޔަނަށް ކުޑަ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ، އިންތިހާބަށް 42.8 މިލިޔަން ރުފިޔާގެ ބަޖެޓް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮޓީއަށް ހުށަހެޅުމުން، ބަޖެޓުން ކޮންމެވެސް އަދަދުތަކެއް ކުޑަވޭތޯ، މަސައްކަތް ކޮށްދިނުމަށް ކޮމިޓީން އެދުނު އެދުމުގެ މަތިން، ކުރި މަސައްކަތްތަކުން ބަޖެޓް 29.8 މިލިއަނަށް މިހާރު ކުޑަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އޮތް ބަޖެޓަކީ އިންތިހާބަށް ބޭނުންވާ ކަންތައްތައް ކުރަން ރަނުން ރަނަށް ބޭނުންވާ އަދަދު ކަމަށެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، ކޮމިޓީގެ އެދުމަށް ބަޖެޓަށް ބަދަލުގެނެސް 29.8 މިލިޔަން ރުފިޔާގެ ބަޖެޓު ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު އެ ބަޖެޓް، ކޮމެޓީގެ ފަރާތުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ބަޖެޓް ލިބުން ލަސްވުމާ ގުޅިގެން ދިިމާވާ ދަތިތައް އެބަހުރި ކަމަށާއި، ވީހާ އަވަހަކަށް ބަޖެޓް ހަމަޖައްސައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަންނަ އޭޕްރީލްމަހުގެ 10ގައި އިންތިހާބު ބާއްވަން ނިންމީ، ހުސްވި 2020 ވަނަ އަހަރުގެ އޭޕްރީލް 4 ގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ކައުންސިލް ގާނޫނުުގައި ބުނެފައި ވަނިކޮށް، ކުރިމަތިވި ކޮވިޑް 19 ގެ ސަބަނުން އެކި މަރުހަލާތަކުގައި އިންތިހާބު ލަސްކުރަމުން ގޮސް، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން