ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް މީހުންނަށް ނޭނގި މެންބަރުން އިތުރުކުރުމާއި ވަކިކުރުމުގެ އެއްވެސް ޖާގައެއް އީ ފާސް ނިޒާމުގެ ތެރެއިން ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެންބަރުން އެ މީހުންނަށް ނޭނގި ޕާޓީގެ ދަފްތަރުން އުނިކުރަމުންދާކަމަށް ތުހުމަތުކޮށް، އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލުގެ މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅައިފައެވެ.

އެކަމާ ގުޅިގެން އީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ސޮއި ފޯޖުކޮށްގެންނާއި މަކަރާއި ހީލަތުން މީހުން ޕާޓީތަކަށް ވެއްދުމުގެ މައްސަލަ ކަމަށެވެ. ނަމަވެސް، ޕާޓީތަކުގެ މެންބަޝިޕް ކަންކަން އީ ފާސް މެދުވެރިކޮށް ހަމަޖެއްސުމާއެކު އެ މައްސަލައަށް ދާއިމީ އަދި އިތުބާރު ހުރި ހައްލެއް ލިބި، ނިޒާމު ދެފުށް ފެންނަ ގޮތަށް ބަދަލުވެފައިވާކަމަށް އީސީން ބުންޏެވެ.

އީސީން ބުނީ، ސިޔާސީ ޕާޓީއަކާ ގުޅުމާއި ވަކިވުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒާތީ އަދި ފަރުދީ މިނިވަންކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، މިހާރު އޮތް ނިޒާމުގެ ތެރެއިން އެމީހެއްގެ އަމިއްލަ އިހުތިޔާރުން ބޭރުން އެއްވެސް މީހަކު ޕާޓީއަކުން ވަކިކުރުމުގެ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމުގެ ބާރު ކޮމިޝަނަށްވެސް އަދި އެހެން އެއްވެސް ފަރާތަކަށްވެސް ނޯންނާނެ ކަމަށެވެ.

ޕީއެންއެފުން އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި، މުޅި ނިޒާމަށާއި އީސީއަށް އޮތް އިތުބާރު ގެއްލުވާލަން މަސައްކަތް ކުރާތީ އެކަން ކުށްވެރިކުރާކަމަށް އީސީން ބުންޏެވެ. އަދި ދޮގު މައުލޫމާތު ނުފެތުރުމަށާއި، ޒިންމާދާރުކަމާއެކު ސިޔާސީ ކަންކަން ކުރިއަށް ގެންދިއުމަށް އީސީ ބުންޏެވެ.