ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅުމާ ގުޅިގެން ބާއްވާ އެ ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އެ މަގާމުން ވަކިވެފައިވާ ކަމަށް ނިންމައި އެ ގޮނޑި ހުސްވެފައިވާ ކަމަށް އެލްޖީއޭ އިން ކަނޑައެޅީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިންނެވެ. އެއީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، މަގާމުގައި ހުންނަ ދައުރެއްގެ ތެރޭގައި އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމުން ގޮނޑި ގެއްލޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައި އޮތުމުންނެވެ.

މި ބައި އިލެކްޝަން ބޭއްވުމަށް އީސީން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 2:00އާ ހަމައަށް ހުޅުވާފައިވާ ކަމަށް އީސީން ބުނެފައިވެއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ޝުޖާއު އިންތިހާބުވެވަޑައިގެންފައިވަނީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އީސީން ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު ބައެއް ހަތަރު ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމުގެ ބައި-އިލެކްޝަންވެސް ކުރިއަށްދާނެއެވެ. އެގޮތުން ބައި-އިލެކްޝަން ކުރިއަށްދާނީ ހއ. ވަށަފަރު، ވ. ތިނަދޫ، ނ. ކުޑަފަރި އަދި ސ. ހުޅުދޫގެ އަންހެނުންގެ ކޮމިޓީގެއެވެ.