ހަތަރު ރަށެއްގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަނުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފިއެވެ.

އަންނަ މަހުގެ 28 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންގައި ހިމެނެނީ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމު ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅުމާ ގުޅިގެން ބާއްވާ އެ ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަންއެވެ.

މީގެ އިތުރުން ހއ. ވަށަފަރު، ވ. ތިނަދޫ، ނ. ކުޑަފަރި އަދި ސ. ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިހާބުކުރުމުގެ ބައި-އިލެކްޝަން ވެސް ހިމެނެއެވެ.

އީސީން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން ތިނަދޫން 185 މީހަކަށް ވޯޓުލުމުގެ ހައްގު ލިބޭ އިރު، ވަށަފަރުން 688 އަށް މީހަކަށް ވޯޓު ލެވޭނެއެވެ. ހުޅުދޫން 2903 މީހަކަށް ވޯޓުލުމުގެ ހައްގު ލިބޭ އިރު، ކުޑަފަރީން ވޯޓުލުމުގެ ހައްގު ލިބެނީ 653 މީހަކަށެވެ.

އީސީން ބުނީ އެ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ވެސް ލިސްޓު އާންމުކޮށްފައިވާ އިރު، ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ މައުލޫމާތު ވީއާރު އަދި އައިޑީކާޑު ނަމްބަރު ޖެހުމަށް ފަހު 1414 އަށް ފޮނުވައިގެން ބެލޭނެ ކަމަށް އީސީން ބުންޏެވެ.

ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް އީސީގެ މައިޕޯޓަލް މެދުވެރިކޮށެވެ. އެ މުއްދަތުގައި ރަޖިސްޓްރީ ސައްހަ ކުރުމަށްޓަކައި ގެންނާން ޖެހޭ ބަދަލުތަކާއި އުނި އިތުރުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް އީސީން ބުންޏެވެެ.

މީގެ އިތުރުން ރަޖިސްޓްރީއަށް މީހަކު އިތުރުކުރުން ނުވަތަ ރަޖިސްޓްރީން މީހަކު އުނިކުރުން ނުވަތަ ރަޖިސްޓްރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލު ގެނައުމަށް ހުށަހަޅާ އިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ޖެހޭނެއެވެ. އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ނަމަ ޝަކުވާ ހުށަހަޅާނީ ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އީސީން ބުންޏެވެ.