މިދިޔަ 24 ގަޑިއިރު ތެރޭ 167 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 20،447 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 135 މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 15 މީހަކު އަދި އަތޮޅު ތެރެއިން 17 މީހެއް ކަމަށެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން ދަށްވެފައެއް ނުވެއެވެ. ކޭސްތަކުގެ އަދަދުތައް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދަށުގައި އުޅުނު ނަމަވެސް، މިދިޔަ މަހުން ފެށިގެން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 ކޭސް ފެނެއެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 117 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 17،712 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2،664 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 180 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 64 މީހަކު ވަނީ މަރުވެފައެވެ. އެއީ 57 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.