ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ފަރާތުން ކުރިއަށްގެންދަން ސޮއިކުރި ފުލެޓް ޕްރޮޖެކްޓް ތަކުގެ ތެރެއިން އެ ސަރުކާރަށް ނިންމުނީ އެންމެ ދެ ޕަސެންޓް މަސައްކަތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީންގެ ސަރުކާރުން ފެށި 7000 ފްލެޓް މްޝްރޫއުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ނެރެފައިވާއިރު، އެކަމާ ބެހޭގޮތުން ގިނަ ޝަކުވާތަކެއް ހުށަހެޅެމުން ދިއުމާ ގުޅިގެން ކަން ހިނގާފައިވާގޮތް އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ.

ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިނިސްޓަރާ ސުވާލު ކުރެއްވީ، ރައީސް ޔާމީންގެ ސަރުކާރުން ފެށި ފްލެޓް ޕްރޮޖެކްޓް ތަކާއި އެ ސަރުކާރުން ނިންމި ފްލެޓް ޕްރޮޖެކްޓްތަކާ ބެހޭގޮތުންނެވެ.

އެގޮތުން ރައީސް ޔާމިންގެ ސަރުކާރުން، އެކި މުނާސަބަތުތަކުގައި އަޅާނެ ކަމަށް އިއުލާންކުރި ހައުސިން ޔުނިޓްތަކުގެ އަދަދު، 21828 އަށް އަރާއިރު، އެ ސަރުކާރު ނިމުނުއިރު އޭގެ ތެރެއިން 9220 ހައުސިން ޔުނިޓް ގެ ކޮންޓްރެކްޓް އޮތީ ބާތިލް ކޮށްފައިވާ ކަމަށާއި، އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރަށް ނިންމުނީ އެންމެ 395 ފްލެޓް ކަމަށް ވިދާޅުވެ އެއީ ތެދެއްތޯ ސަލީމް ސުވާލު ކުރެއްވިއެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އަދަދުތައް ހުރީ އެގޮތަށް ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަން ނިމުނުއިރު އެ ސަރުކާރުން ފެށި 7000 ފްލެޓް މަޝްރޫއުގެވެސް ނިމިފައިވަނީ 44 ޕަސެންޓް ކަމަށާއި، އަނެއް 60 ޕަސެންޓް ނިންމީ މި ސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން 21828 ފްލެޓް ޕްރޮޖެކްޓް ފެށީ 37 ކޮންޓްރެކްޓެއްގެ ދަށުން ކަމަށެވެ. އެއީ ސީދާ ސަރުކާރުން ބައިވެރިވެގެންނާއި، ބަދަލުގައި ސަރުކާރުން ބިން ދީގެން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ކޮންތްރެކްޓާ ފައިނޭންސް ހަމަނުޖެހިގެން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ކަމުން ރައީސް ޔާމީންގެ ސަރުކާރަށް ނިންމުނީ ސޮއިކުރި މަޝްރޫރުތަކުގެ ދެ ޕަސެންޓް މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.