އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް އުފުލާފައިވާ، ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއަށް އޭނާ އިންކާރު ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އެ ދައުވާ އިއްވެވުމަށްފަހު ޝަރީއަތުން މައްސަލަ ބައްލަވާ ގާޒީ، ހަސަން ސައީދު ވަނީ ދިފާއުން ދެކޭ ގޮތް ހާމަކޮށްދިނުމަށް އެދިފަ އެވެ. އެއާ އެކު އަދުރޭގެ ވަކީލުންގެ ޓީމުގެ ފަރާތުން، އަހްމަދު ހިޝާމް ވަޖީހު ވަނީ އޭނާގެ މުވައްކިލު އެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާއަށް އިންކާރު ކުރެއްވުމުގެ ކުރިން ދިފާއުން ވަނީ އެ ދައުވާ އަދުރޭގެ މައްޗަށް އުފުލި ގޮތާއި މެދު ސުވާލު އުފައްދަވާފަ އެވެ. އެގޮތުން އެ ފަދަ މައްސަލަތަކަކީ ވަކި ވަކި ފަރުދުންގެ ފަރާތުން މައްސަލައެއް ހުށަހެޅުމުން ތަހުގީގުކުރާ ޒާތުގެ މައްސަލައެއް ކަން ފާހަގަކޮށްފަ އެވެ. ނަމަވެސް އަދުރޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ އިދާރާއެއްގެ ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެންކަން ވަނީ ފާހަގަކޮށްފަ އެވެ.
އެކަމާއި ގުޅިގެން ދައުލަތުގެ ވަކީލުން ވިދާޅުވީ، ދިފާއުން ފާހަގަކުރި ކަންކަމަކީ ކޮންމެހެން 'ބަލަންޖެހޭ' ކަމެއް ނޫން ކަމަށާއި ރާއްޖޭގައި ބަލަން ޖެހެނީ ގާނޫނު އަސާސީ އެކުލަވާކުމުގައި މަޖިލީހުން ކޮށްފައި ހުރި ބަހުސްތަކާއި އެ މާއްދާތައް ތަންފީޒު ކުރުމަށް ވިސްނާފައި ހުރި ގޮތްތަކަށް ކަމަށެވެ.
ދައުވާއަށް އިންކާރު ކުރެއްވުމުން ޝަރީއަތުގެ ކުރިން ހުށަހަޅަން ހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ގާޒީ އެންމެ ފުރަތަމަ ދެއްވީ ދެ ދުވަހެވެ. ނަމަވެސް މައްސަލައިގެ ބާވަތުންނާއި މާލޭގެ މިވަގުތުގެ ހާލަތު ހުރި ގޮތުން ދިފާއުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެއާ އެކު ގާޒީ ވަނީ ދިފާއުން އެދުނު ގޮތަށް ފަސް ދުވަސް ތެރޭގައި ދެ ފަރާތުން ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުމަށް އަންގަވާފަ އެވެ.
ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރުގައި ވާގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމާއި ހަޑި ހުތުރު އަމަލުތައް ކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމެވެ. އަދި އެއީ ކުށެކެވެ. އެ ކުށަކީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ.
އެ ކުށަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ކަނޑައަޅާނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ. ކުށަށް އަދަބު ކަނޑައަޅާއިރު ކުށުގެ ބާވަތަށާއި ކުށުގެ ރެކޯޑަށް ބަލާނެއެވެ. މީގެ ކުރިން އެފަދަ ކުށެއް ކޮށް، ސާބިތުވެފައި ނުވާ ނަމަ އަދަބު ކުޑަވާނެއެވެ.
ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކޮށްފައިވާ ކަމަށް ބުނެ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވި ދުވަހު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަދުރޭ ވަނީ ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރަށް ނިސްބަތް ކުރައްވާ ބޭއަދަބީ ބަސްތަކެއް ބޭނުންކުރައްވައި އެފަދަ މޭރުމަކުން ވާހަކަދައްކަވައިފައެވެ.
މީގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވެސް އަދުރޭ ވަނީ ބޭއަދަބީ ބަހެއް ބޭނުންކުރައްވައިފައެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް