ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރިވުމަށް ބަންގުލަދޭޝްގެ އެއާފޯސްގެ މެޑިކަލް ޓީމެއް މިއަދު ހަވީރު ރާއްޖެ އަތުވެއްޖެ އެވެ.
މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަކަށް ބަންގުލަދޭޝްގެ ސަރުކާރުން ރާއްޖެއަށް ފޮނުވި ޓީމެކެވެ. ރައީސް ސޯލިހުގެ އިސްނެންގެވުމުގެ މަތިން ވެކްސިން ކެމްޕޭނަށް އެހީތެރިކަން ހޯދުމަށް، ބަންގުލަދޭޝް ސަރުކާރަށް ދައުވަތު އަރުވާފައިވަނީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް މިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ހާރިޖީ ވަޒީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
މިއަދު ރާއްޖެ އައި ޓީމުގައި 10 ނަރުހުންނާއި ހަތް މެޑިކަލް އެސިސްޓެންޓުން އަދި އެނެސްތިޒިއޮލޮޖިސްޓެއް ހިމެނެ އެވެ.
ދެ މަސް ދުވަހުގެ މުއްދަތަށް ރާއްޖޭގައި ތިބޭ ގޮތަށް ހަމަޖެހިފައިވާ އެ ޓީމު، ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން މަސައްކަތް ކުރާނީ މާލޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ އިތުރުން ގދ. ތިނަދޫ އާއި ލ ގަން އަދި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ހިންގަމުން އަންނަ ވެކްސިން ޕްރޮގްރާމް ތަކުގައެވެ.
ރައީސް އޮފީހުން ކުރިން ބުނީ، މި ޓީމުގެ އެހީތެރިކަމާއެކު ބަންގުލަދޭޝް މަސައްކަތްތެރިންނަށް ވެކްސިން ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހިމެނޭހެން އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއްގެ ދަށުން ވެކްސިން ދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން އިއްޔެގެ ނިޔަލަށް 123،665 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު