ކޮންމެ ސަރުކާރަކުން ވެސް މެޑަލް ޖަހަންވީ އެ ސަރުކާރަކުން އެޅި ފްލެޓަކަށް ރައްޔިތުން ވެއްދުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މެޑަލް ޖަހަންވީ ރައްޔަތުންގެ ނަމުގައި ލޯނު ނަގާފައި، ފަސް އަހަރުގެ ސަރުކާރެއް ނިމުމުގެ ކުރިން އެމީހަކު އެޅި ފުލެޓަކަށް ރައްޔިތުން ވެއްދުމަށްފަހު ކަމަށެވެ.

"އިންތިހާބު ބޯމަތިވީމަ ފުލެޓް ބައްޕަ އާއި ފުލެޓް މަންމަ އާއި ފުލެޓް ދޮންބެ އާއި ފުލެޓު ބަފާބެ އާއި ފުލެޓް މައިދައިތަ ހިވަނީ އެހެން ކަމެއްހެން،" ރީކޯ ވިދާޅުވި އެވެ.

އޭނާ އެގޮތަށް ވިދާޅުވެފައިވާއިރު، ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، ކެމްޕެއިން ކުރުމަށް އެންމެ ބޮޑަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ބޯހިޔާވަހިކަމުގެ ވާހަކައެވެ.

އެގޮތުން އެމްޑީޕީގެ ރަށްވެހި ފަތިސް ޕްރޮގްރާމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު ބޮޑުވެގެން އައީ "ފްލެޓް ދޮންބެ" އާއެކުގައި ކަމަށާއި އޭނާ އިންތިހާބު ކޮށްދެއްވައިފިނަމަ މާލޭގައި ފުލެޓް އަޅައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވައިގެން އުޅުއްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް އަންނަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވަމުންނެވެ.