ޖިންސީ ކުށުގެ ސީރިއަސް ތުހުމަތު ތަކެއްކޮށް، ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރާވަޑައިގަތީ ތުރުކީ އަށް ކަމަށް އިމިގްރޭޝަނާ ހަވާލާ ދެއްވާ ޕީޖީ އޮފީހުން ބުނެފި އެވެ.
އެ މައްސަލައާ ގުޅިގެން އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނިކޮށް އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ. ނަމަވެސް ފަހުން އެނގުނީ އެނާގެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި އޮތް ކަމެވެ.
އަލީ ވަހީދު ފުރާވަޑައިގަތް މައްސަލަ ހޫނެވެފައިވަނިކޮށް ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ނަމަވެސް އިސްތުއުނާފަށް ހުށަހެޅުމަށް އޮންނަ ވަގުތު ހަމަވިފަހުން އެ މައްސަލަ ހުށަހެޅިކަމަށް ބުނެ ހައިކޯޓުގެ ރެޖިސްޓްރާ ވަނީ އެ މައްސަލަ ބަލައި ނުގަތުމަށް ނިންމާފަ އެވެ. އެ މައްސަލަ އަންނަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވެސް ބަލަމުންނެވެ.
އެގޮތުން އެކަމުގެ ތަފްސީލު ހޯދުމަށް އެދުމުން ޕީޖީއިން ކޮމެޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އަލީ ވަހީދު ފުރާފައިވަނީ ފެބްރުއަރީ ނުވަ ވަނަ ދުވަހުގެ ރޭ 11:07ގައި ޓާކިސް އެއާލައިންގެ ފްލައިޓެއްގައި ތުރުކީގެ ވެރިރަށް އިސްތަންބޫލަށް ކަމަށެވެ.
އެ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓްގެ މައްސަލައިގެ އަޑުއެހުން ބާއްވާފައި ވަނީ ނުވަ ވަނަ ދުވަހު ކަމަށާއި އަދި ރާއްޖެ ދޫކޮށް އޭނާ ފުރައިވަޑައިގަތީ ވެސް ހަމަ އެ ދުވަހު ކަމަށެވެ. ނަމަވެސް ޕީޖީ އޮފީހަށް އެ މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވަނީ 11 ވަނަ ދުވަހުކަން އެނގެން އޮންނަ ކަމަށެވެ.
އަލީ ވަހީދުގެ މައްޗަށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް ކުރުމާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓު އޮތީ ހިފަހައްޓައިފައެވެ.
ނަމަވެސް ކޯޓުގައި އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދައަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު