ޖިންސީ ކުށުގެ ސީރިއަސް ތުހުމަތު ތަކެއްކޮށް، ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އެ ކޯޓުގެ ރެޖިސްޓްރާ އެ މައްސަލަ ބަލައި ނުގަތުމުން އެ ނިންމުން ޕީޖީން އަނެއްކާ ވެސް ހައި ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހައިކޯޓަށް ބަލައި ނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމެވީ، އަމުރު އިސްތިއުނާފު ކުރުމަށް އޮންނަ 48 ގަޑިއިރަށްވުރެ ފަހުން ހުށަހެޅުމުން ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.

އެހެން ކަމުން އެ ނިންމުން އިސްތިއުނާފު ކުރުމަށް ޕީޖީއަށް ލިބުނު ހަތް ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ވަނީ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށް ކުރުމާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓު އޮތީ ހިފަހައްޓައިފައެވެ.

ނަމަވެސް ކޯޓުގައި އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދައަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފަ އެވެ. ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ފުރާވަޑައިގެންނެވީ މިމަހުގެ 10 ވަނަ ދުވަހު އެވެ.