ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން މިއަދު 6،550 މީހަކު ވެކްސިން ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި 6،550 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އެއާއެކު މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމުލަ 123،665 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ.

މިއަދު ވެކްސިން ޖެހި 6،550 މީހުންގެ ތެރެއިން 2،105 މީހަކު ވެކްސިން ޖަހާފައިވަނީ މާލެއިންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 4،445 މީހެކެވެ. މިހާތަނަށް ވެކްސިން ޖެހި ޖުމުލަ 123،665 މީހުންގެ ތެރެއިން މާލެއިން 79،356 މީހަކު، އަތޮޅުތެރެއިން 44،309 މީހަކު ވެކްސިން ޖަހާފައިވެއެވެ.

މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފައެވެ.

ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 200،000 ޑޯޒް އިންޑިއާ އިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 10،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ.