އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސއްކަތްކުރާ އިންތިހާބު ބޭއްވުމަށް ބޭނުންވާ ބަޖެޓު އަވަހަށް ނުލިބިއްޖެ ނަމަ އިންތިހާބު ބޭއްވުމަށް ހުރަސް އެޅޭނެ ކަމަށް ވިދާޅުވެ، އެކަމަށް ބޭނުންވާ ބަޖެޓު ވީހާވެސް އަވަހަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެދިވަޑައިގެންފިއެވެ.

ރާއްޖޭގައި މިހާރު މިއޮތް ކޮވިޑް 19 ގެ ޕެންޑަމިކްގެ ތެރޭގައި، އިންތިހާބު ބާއްވަން ވާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް ގާނޫނަކުން ވަނީ ކަނޑައަޅައިފައެވެ.

މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަރީފް މިއަދު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން އިންތިހާބު ފަސް ކުރުމުގެ ކުރިން 2020 ވަނަ އަހަރުގެ އޭޕްރީލްގައި އިންތިހާބު ބޭއްވުމަށް ބޭނުންވާ 51.1 މިލިޔަން ރުފިޔާގެ ބަޖެޓް ދައުލަތުން އީސީއަށް ފޯރުކޮށްދީފައިވީ ނަމަވެސް ކޮވިޑާ ގުޅިގެން އިންތިހާބު ފަސްކޮށް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަންނަ އޭޕްރީލް މަހުގެ 10 ގައި އިންތިހާބު ބާއްވަން 42.8 މިލިޔަން ރުފިޔާގެ އިތުރު ބަޖެޓެއް ބޭނުންވާ ކަމަށެވެ. އަދި އެ ކަން ރައްޔިތުންގެ މަޖިލީހާއި ސަރުކާރަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާބެހޭގޮތުން ރައީސް އޮފީހާއި ފިނޭންސް މިނިސްޓަރާ ވާހަކަ ދައްކަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސް ނުކޮށް އެވަރުގެ ބަޖެޓެއް ދިނުމާ މެދު ފިނޭންސް މިިނިސްޓަރު ދެކޮޅު ހައްދަވާފައިވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ ގައިޑްލައިންއާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް އިތުރަށް ބަޖެޓް ބޭނުން ވަނީ، ވޯޓުލާ އިތުރު މަރުކަޒުތައް ހެދުމަށާއި، ބޭނުންވާ އިތުރު އޮފިޝަލުންނަށް ބޭނުންވާ އުޖޫރަ އާއި އެލަވަންސާއި އިނާޔަތްތަކާއި ދަތުރު ތަކަށާއި އެ ފަރާތްތަކުގެ ކަރަންޓީނަށާއި، ފްރަންޓްލައިން އެލަވަންސަށާއި ރޯދަ އެލަވަންސަށް ކަމަށެވެ.

ޝަރީފް ވިދާޅުވީ، ގައިޑްލައންގައި ބުނާ ބެކަޕް ފޯސް ގާއިމްކުރަން ގްރޭޓާ މާލޭ ސަރަހައްދަށް އެކަނިވެސް އިތުރު 2300 އޮފިޝަލުން ބޭނުންވާ ކަމަށާއި، މާލޭގައި ވޯޓުލާން އިތުރު 135 މަރުކަޒު ގާއިމް ކުރަން ޓެންޓް ޖަހަން ޖެހޭ ކަމަށެވެ.

އޭގެ ތެރެއިން ރައްކާތެރިކަމަށް ބޭނުންވާ ފޭސް ޝީލްޑާއި އެހެނިހެން ތަކެތީގެ އިތުރުން، ވޯޓިން މަރުކަޒުތައް ހެދުމަށް ބޭނުންވާ ޓެންޓްތައް ހޯދުމަށް މިހާރު އިއުލާން ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އެތަކެތި ހޯދޭނީ ބަޖެޓް ދިނުމުން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ބަޖެޓް ނުލިބެންޏާ އެކަންކަމަށް ޕީއޯރެއިޒް ކުރެވޭނެ ގޮތެއް ހަދައިދިނުމަށް ފިނޭންސް މިނިސްޓްރީގެ ކިބައިން އެދޭ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވަން ބޭނުންވާ އިތުރު ބަޖެޓު އަވަހަށް ލިބުން މުހިއްމު ކަމަށެވެ. އެހެން ނޫނީ އިންތިހާބު ބޭއްވުމަށް ބުރޫ އަރާނެ ކަމަށެވެ. ނަމަވެސް އިންތިހާބު ފަސް ކުރުމުގެ ވިސްނުމެއް އީސީއަކުން ނުގެންގުޅޭ ކަމަށާއި، ގާނޫނީގޮތުން އިންތިހާބު ފަސް ކުރެވޭނީވެސް ރައްޔިތުންގެ މަޖިލީހަށް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އީސީއަށް މިހާރު ލިބިފަިއވާ 51.1 މިލިޔަން ރުފިޔާގެ ބަޖެޓް ހުސްވަންދެން އިންތިހާބަށް ކުރަން ޖެހޭ ކަންތައްތައް ކުރިއަށް ގެންދަވާނެ ކަމަށާއި އެއަށްފަހު ކަންތައް ކުރާނެ ގޮތް އެނގޭނީ މަޖިލީހަށް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެކަންތައްތައް ކުރުމަށްފަހު އެއްވެސް ސަބަބަކާ ހެދި އިންތިހާބު ފަސްކޮށްފި ނަމަ މިހާރުދިޔަ ހަރަދު އިތުރަަށް ރިޕީޓް ވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.