އަތޮޅު ތެރޭގެ ރަށްތަކުގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ޕްލޭނެއް އެބައޮތް ކަމަށާއި އަންނަ އަހަރު ވެގެންދާނީ އަތޮޅު ތެރޭގެ ބޯހިޔާވަހިކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ އަހަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައި ވަނީ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެމްޕެއިންގައި އަތޮޅުތަކުގެ ރަށްރަށުގެ މެންބަރުންނަށް ސުވާލުކުރުމަށް ހުޅުވާލައިގެން ރޭ ނ. އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދާ އެއްގޮތަށް އަންނަ އަހަރު އަތޮޅު ތެރޭގައި ބޯހިޔާވަހިކަމުގެ ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް ޕްލޭނެއް އެބައޮތް ކަމަށާއި އެކަންކަން ކުރިޔަށްދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިއަންނަ އަހަރަކީ އަތޮޅު ތެރޭގެ ބޯހިޔާވަހިކަމަށް ވަރަށް ބޮޑު ފޯކަސްއެއް ދީގެން ކަންތައްތައް ހިންގާނެ އަހަރަކަށްވުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަތޮޅު ތެރޭގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހިންގުމުގެ މަސައްކަތްތައް މިއަހަރު މެދު ތެރޭގައި ފެށޭނެ ކަމަށާއި އަދި އަމަލީ މަސައްކަތް މި އަންނަ އަހަރު ވަރަށް ބޮޑުކޮށް ފެނިގެންދާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އަންނަ އަހަރު އަތޮޅު ތެރެއަށް ހާއްސަކޮށްގެން 1.5 ބިލިއަން ރުފިޔާގެ ހައުސިން ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން މިހާރު މަޝްވަރާތައް ފެށިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިއަހަރުގެ ދެ ވަނަ ކުއާޓާ ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ބޯހިޔާވަހިކަމަށް ހާއްސަކޮށް ލުއި ލޯނުތަކެއް ދޫކުރުމަށް ނިންމާފައިވާ ކަމަށާއި އެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް އުޅޭނީ ހަ ޕަސެންޓާއި ހަތް ޕަސެންޓާ ދެމެދުގައި ކަމަށެވެ.