ރާއްޖޭގައި ކޮވިޑު ވެކްސިން ޖެހި މީހުންގެ ތެރެއިން މިހާތަނަށް އެޑްމިޓް ކުރަން ޖެހުނީ 19 މީހެއް ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޑަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރެޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފައިސަލް ވިދާޅުވީ، ރާއްޖޭގައި ކޮވިޑު ވެކްސިން ދިން މީހުންގެ ތެރެއިން މިހާތަނަށް އެޑްމިޓު ކޮށްގެން ފަރުވާދޭން ޖެހުނީ 19 މީހަކަށް ކަމަށެވެ.
"އޭގެ ތެރޭގައި ހިމެނެނީ އެލާޖީ ކަހަލަ ކަންތައްތައް ދިމާވުމުގެ ސަބަބުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ބާއްވަން ޖެހުނު ފަރާތްތައް. ދެން އޭގެ އިތުރުން އެނެފައިލިސިސް ޕޭޝަންޓުން އައިސިއްޔާ ވެސް އަޅުގަނޑުމެން ބާއްވަންޖެހޭ،" ޑރ. ފައިސަލް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ، ވެކްސިން ޖެހުމުން ބައެއް މީހުންނަށް ދެ ދުވަސް ވަންދެން ސައިޑް އިފެކްޓުތައް ފެންނަ ކަމަށާއި އޭގެ ތެރޭގައި ގައިގައި ރިއްސުމާއި ހުން އައުންފަދަ ކަންކަން ހިމެނޭ ކަމަށެވެ.
ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި ވަނީ ލައްކައަކަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.