ކޮވިޑް ބަލި ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ އެވެ.

މިއަދު މަރުވެފައިވަނީ ދިވެހި ފިރިހެނެކެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 62 ވަނަ މީހާ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މީހާ މަރުވީ ކޮވިޑަށް ފަރުވާ ދެމުން އަންނަިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ކޮވިޑު ބަލީގައި މިއަދު އިތުރު ދިވެއްސަކު މަރުވެފައިވާއިރު އިއްޔެވެސް މި ބަލީގައި އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެފައިވާއިރު، އެޗްޕީއޭއިން ބުނެފައިވަނީ، މިހާރު ވެސް ކޮވިޑް ބަލީގައި ބައެއް މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މާލޭގައި ކޮވިޑު ކޮންޓްރޯލުން ނެއްޓިފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަންނަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ.